ދެ އިންތިޚާބު އެއްކުރަން މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ބިކަ ކޮށް، ނިކަމެތި ކޮށް ގޮސް ހުސްކޮށްލާ، އަޅުދާސް ކުރަން ކަމަށާ އެކަން ކޮށްފި ނަމަ ގާނޫނު އަސާސީގެ ބޮޑު ބައެއް ގެއްލިގެން ދާނެ ކަމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މ. އަތޮޅުގެ މެމްބަރުކަން ކުރެއްވި، އަހުމަދު ޝަފީގު (މ. ސައްޕެ) ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީން ގެނެސްދޭ "ނޫނެކޭ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަފީގު ވިދާޅުވީ މިއީ ސީދާ ރައްޔިތުންގެ ކިބައިގަ ހުރި ބާރުވެރިކަން ފުރޮޅާލުމަށް ސަރުކާރުން ކުރަން އުޅޭ ކަމެއް ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުން ނިކަމެތިވެ، ބިކަ ކޮށްލުމަށް ގޮސް ހުސް ކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާ އޭރުން ރައްޔިތުން އަޅުދާސް ވާނެ ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ. 

ޝަފީގު ވިދާޅުވީ ރައްޔިތުން އަޅުދާސް ވުމުން އިންތިޚާބު ތައް ކާމިޔާބު ކުރަން މި ސަރުކާރަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް އިންތިޚާބުތައް ކާމިޔާބު ކޮށްގެން ވެރިކަން ކުރުމުން ރައްޔިތުންނަށް ލިބޭނީ ހުސް ގެއްލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެކަމަކު އެގޮތަށް އިންތިޚާބުތައް ކާމިޔާބު ކޮށްގެން ވެރިކަން ކުރީމަ ލިބޭނީ ގެއްލުން. ނިކަމެތިކަން. އަނިޔާ އެއް ރައްޔިތުންނަށް. އެހެންވީމަ އެގޮތެއް ރައްޔިތުންނަށް ބޭނުން ނުވާތީ. ހަމަ ގާނޫނު އަސާސީ އަށް ވަރަށް ބޮޑު ބައެއް  އެ ދުއްވާލަނީ. މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާފަ އެއޮތީ. މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ބާރު ކަނޑުވާލައިފި އެ އައްޔަނު ކުރާ ބަޔަކު. ދެން މި ރާއްޖޭގަ މިނިވަން މުސްތަގިއްލު މުއައްސަސާ އެއް ނުވެސް ނެތޭ. 
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މ. އަތޮޅުގެ މެމްބަރުކަން ކުރެއްވި، އަހުމަދު ޝަފީގު (މ. ސައްޕެ)

ޝަފީގް ވިދާޅުވީ ސަރުކާރުން މިހާރު ވެސް ގާނޫނު އަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެނަސްފައިވާ އިރު، ގާނޫނު އަސާސީ އެކުލަވާލި މަޖިލީހުން ވެސް އެކަންކަމަށް ޚާއްސަ އިސްކަމެއް ދީގެން ރައްޔިތުންގެ ބާރު ދަމަހައްޓަން ހިމެނި މުހިއްމު ކަންކަން ބަދަލު ކޮށްފައިވާ ކަމަށެވެ. 

އެގޮތުން ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށާއި ގާނޫނު އަސާސީ އެކުލަވާލި އިރު ކައުންސިލްތައް މިނިވަން ބައެއްގެ ގޮތުގައި ކަނޑައެޅީ ރައްޔިތުންގެ ބާރު ރައްޔިތުންގެ ކިބައިގަ ހިފެހެއްޓުމަށްޓަަކައި ކަމަށް ޝަފީގު ވިދާޅުވި އެވެ. 

ލޯކަލް ގަވަރމެންޓް އޮތޯރިޓީ އެއް އުފެއްދީ ވެސް ސަރުކާރުގެ ފަރާތުން ކައުންސިލް ކޮންޓްރޯލް ކުރާނެ ބާރެއް ނުބާއްވަން ވެގެން ކަމަށާއި ނަމަވެސް މިއަދު އެކަމަށް ވެސް މިނިސްޓްރީ އެއް ހަދައި ރައްޔިތުންގެ އެ ބާރު ވެސް މި ސަރުކާރުން އަތުލާފައިވާ ކަމަށެވެ. އެގޮތަށް މިނިސްޓްރީ އެއް ހަދައިގެން ސަރުކާރުން ކައުންސިލްތަކުގެ ބާރު ނެގުމަކީ ގާނޫނު އަސާސީ އާ ވެސް މުޅިން ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ގޮތަށް ކަންކަން ބަދަލު ކުރަމުން ގޮސް ހުދުމުހާތު ވެރިކަމުގެ ނިޒާމަކަށް މުޅި ނިޒާމު މި ސަރުކާރުން ކުރާނެ ކަމަށް ޝަފީގް ވިދާޅުވި އެވެ.