ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލަން ފެނޭތޯ ބެލުމަށް ނަގާ ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު ނަގަން މިއީ އެންމެ ރަނގަޅު ދަނޑިވަޅެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކުރުމަށް ސަރުކާރުން ދަނީ ވަޒީފާތަކަށް މީހުން ނަގައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެތައް ކަމެއް ކުރަމުން ކަމަށް ޣަފޫރު ވިދާޅުވި އެވެ. ޣަފޫރު ވަނީ ސަރުކާރުން ދަނީ އޮޅުވާލައިގެން ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުން ކަމަށް ވިދާޅުވެފަ އެވެ.

'އެޗްޑީސީ ވެސް ދަރާ އޮތް އިރު އިތުރު 400 އެއްހާ މީހުންނަށް ވަޒީފާ ދީފި. އިންތިޚާބު ނިމުނީމަ ކިހިނެތްތޯ މި އެންމެން ވަޒީފާގައި ބައިތިއްބާނީ. އެއީކީ ނޫން ކަންކަން ކުރަން ޖެހޭ ގޮތަކީ. މިއީ ޚިޔާނާތްތެރިވާ ބައިގަނޑެއް." އޭނާ ވިދާޅުވި އެވެ.

ޣަފޫރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ސަރުކާރުން މިހާރު އަމަލުކުރަނީ ޤާނޫނުއަސާސީ އާއި ވެސް ހިލާފަށް ކަމަށެވެ. ރެފަރެންޑަމް ގާނޫނު އޮތްގޮތުން ދޭން ޖެހޭ މައުލޫމާތު ވެސް ރައްޔިތުންނަށް ނުދީ އަވަސް އަރުވާލާ ސަބަބާއި މެދު އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ. މީގެ އިތުރުން، ރައްޔިތުންގެ ބާރުތައް ފޭރިގަންނަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.