އދ. ދިގުރަށުގައި ބުރާސްފަތި ދުވަހުގެ ދަންވަރު ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ. 

މި ހާދިސާގައި ބަންގްލަދޭޝްގެ ފަސް މީހަކު ވަނީ ނިޔާވެފަ އެވެ.

މިކަމާ ގުޅިގެން އެޗްއާރްސީއެމް އިން ބުނީ އެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް އެ ކޮމިޝަނުން ތައުޒިޔާ ކިޔާ ކަމަށެވެ. އަދި ހާދިސާގައި އަނިޔާވި މީހުންގެ ހާލަތާއި އެ ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް މީހުންގެ އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ އެ ކޮމިޝަނުން ގާތުން ބަލަމުންދާ ކަމަށެވެ. 

އެ ހާދިސާއާ ގުޅިގެން އެ ރަށު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކިއުޓިވް އަހުމަދު ފާއިޒް ރަޝީދު ވިދާޅުވީ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންނަކީ، އަލިފާން ރޯވުމުން ބޭރަށް ނުކުމެފައި އަލުން އެތެރެއަށް ވަތް މީހުން ކަމަށާއި، މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކުވެގެން ކަމަށް ބެލެވޭ ކަމަށެވެ. 

ފާއިޒް ވިދާޅުވީ، އަލިފާން ރޯވީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު ކަމަށާއި، ބޮޑަށް ބެލެވެނީ ކެއްކުމަށް ބޭނުންކުރާ ގޭސް ސިލިންޑަރަކުން ގޭސް ލީކުވެގެން ހިނގި ހާދިސާއެއް ކަމަށެވެ. ބައެއް ފަރާތްތަކުން ނަގާފައިވާ ވީޑިއޯ ފުޓޭޖްތަކުން ވަރަށް ބާރުގަދަ ގޮވުމެއް ގޮވާފައިވާކަން ފާހަގަކުރެވޭ ކަމަށާއި، ބެލެވޭ ގޮތުގައި ގޭސް ލީކުވެފައި ހުއްޓާ އުދުން ރޯކުރަން އުޅުމުގެ ތެރޭގައި އަލިފާން ހިފައި، ގޭސް ސިލިންޑަރު ގޮވީ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާދިސާ ހިނގި ސަރަހައްދަށް ރަށުގެ ގިނަ ބަޔަކު އެއްވެ ކުރި މަސައްކަތުން ބައިގަޑިއިރެއްހާއިރު ތެރޭގައި އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފަ އެވެ. 

ރާއްޖެއެމްވީ އަށް އައިޖީއެމްއެޗް ގެ މީޑީއާ އޮފިޝަލް ވިދާޅުވީ، ދިގުރަށުގައި ހުކުރުވިލޭރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންނަށް ފަރުވާ ދިނުމަށް ހުކުރު ދުވަހު ގެނެސްފައިވާ ކަމަށާއި، ދެމީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އެ ދެމީހުން ފިހިފައިވަނީ ކިހައި ވަރަކަށްތޯ އާއި އިތުރު ތަފްސީލް އޮފިޝަލް ދެއްވާފައިނުވެ އެވެ.