އައްޑޫ ސިޓީގެ ކަރަންޓަށް ލޯޑު ބޮޑުވެ، އެކި ވަގުތުތަކުގައި ކަރަންޓު ކަނޑަން ފަށައިފި އެވެ.
ހުކުރު ދުވަހު ރާއްޖެއެމްވީއަށް މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީން އެކި ވަގުތުތަކުގައި ކަރަންޓު ކަނޑަމުންދާ ކަމަށާއި، މިހާރު ތިން ދުވަސް ވެފައިވާ ކަމަށެވެ. އަދި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަމުންދަނީ ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ލޯޑު ބޮޑުވާތީ ކަމަށާއި، އެމައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ފެނަކައިގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
އައްޑޫ ސިޓީން އެކި ވަގުތުތަކުގައި ކަރަންޓު ކަނޑަމުންދާއިރު، ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހު ވެސް މުޅި ސިޓީން ވަނީ ކަރަންޓު ކެނޑިފަ އެވެ. އަދި ރަމަޟާން މަހު ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވެ، ކެޕޭސިޓީ ނުހިފަހައްޓާނެ ކަަމުގެ އިންޒާރު މީގެ ކުރިން މޭޔަރު ނިޒާރު ދެއްވާފައިވެ އެވެ.
ނަމަވެސް އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މިސަރުކާރުން މަސައްކަތް ނުކުރާ ކަމަށް އެސިޓީގެ ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި ކަރަންޓުގެ ޚިދުމަތަށް މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކު އެހެން ތަނަކުން ބޭނުންކޮށްފައި ހުންނަ ޖަނަރޭޓަރެއް ގެނެސް ވަގުތީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާތީ އެ ސިޓީގެ ރައްޔިތުން ކަންބޮޑުވުންފާޅު ކޮށްފައިވެ އެވެ.