އދ. ދިގުރަށުގައި ހުކުރުވިލޭރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ. 

ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް ވިދާޅުވީ، ދިގުރަށުގައި ހުކުރުވިލޭރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންނަށް ފަރުވާ ދިނުމަށް ހުކުރު ދުވަހު ގެނެސްފައިވާ ކަމަށާއި، ދެމީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އެ ދެމީހުން ފިހިފައިވަނީ ކިހައި ވަރަކަށްތޯ އާއި އިތުރު ތަފްސީލް އޮފިޝަލް ދެއްވާފައިނުވެ އެވެ. 

އެ ދެމީހުންގެ ހާލު ސިރިއަސް ވެފައިވާއިރު، މި ހާދިސާގައި ފަސް މީހަކު ވަނީ ނިޔާވެފަ އެވެ.

މިހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާ އެއްގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. 

މި ހާދިސާގެ ތަހުގީގަށް މާލެއިން ޚާއްސަ ޓީމެއް ދިގުރަށަށް ވަނީ ގޮސްފަ އެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނެ އެވެ.

މި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުން ކަމާގުޅުންހުރި އެއްވެސް އިދާރާއަކުން ހާމަ ކޮށްފައިނުވެ އެވެ.