ލ.މާވަށުން ޑްރަގު ނައްތާލަން ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ޑްރަގް އާއި އެކު މީހަކު ހައްޔަރުކޮށްފި އެވެ.

އޭނަގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ.މާވަށު ބޭސްގެ މުހައްމަދު އިބްރާހީމް ކަމަށެވެ. އޭނާ އަކީ 43 އަހަރުގެ މީހެކެވެ. 

ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުން އޭނާ ހައްޔަރުކުރީ މާވަށުން ޑްރަގް ނައްތާލުމަށާއި އެ ރަށަކީ ސާފު ރަށަކަށް ހެދުމަށް އެ ރަށުގެ ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

އޭނާ ހައްޔަރު ކުރީ  ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދަނިކޮށް އޭނާގެ ފަރާތުން ތުހުމަތު ކުރެވޭ ފަދަ އަމަލުތަކެއް ފެނުމުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން  ޑްރަގް ކަމަށް ބެލެވޭ އެއްޗެއް ހުރި 63 ރަބަރު ޕެކެޓު ފެނުމާއި ގުޅިގެންނެވެ. 

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.