މެދުއިރުމަތީގެ ހަނގުރާމަ އާ ގުޅިގެން ފަތުރުވެރިން ރާއްޖެ އަށް ދަތުކުރަމުންދާ ފްލައިޓުތަކުގެ 30% ގެއްލިފައި ވާތީ އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާގެ މާކެޓުން ފްލައިޓްތައް އިތުރު ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ. 

ބުރާސްފަތި ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  ޓުއަރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ އެ ސިނާއަތަށް ލިބެމުންދާ ގެއްލުން ކުޑަ ކުރުމަށް ޚާއްސަ މަސައްކަޔްތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ގެއްލިގެންދާ އާމްދަނީ ހޯދުމުގެ ގޮތުން ރާއްޖެ އަށް އެހެނިހެން ޤައުމުތަކުން އޮންނަ ފްލައިޓްތައް އިތުރުކުރުމަށާއި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ. 

އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އިރާނަށް ހަމަލާދިނުމާއި ގުޅިގެން އިރާނުން ދެމުންދާ ރައްދު ހަމަލާތަކުގައި  މެދުއިރުމަތީގެ އެެހެން ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ވަނީ ފަށާފަ އެވެ. އެއާއި އެކު މެދުއިރުމަތީގައި ވަނީ ބޮޑު ހަނގުރާމައެއް ފެށިފަ އެވެ.

ވަޒީރު ތޯރިގް ވަނީ އެކަމުގެ އަސަރު މެދުއިރުމަތިން ރާއްޖެ އަންނަ އެއާލައިންތަކަށް ވަރަށް ބޮޑަށް ކޮށްފައިވާކަމަށް ފާހަގަކުރައްވާފަ އެވެ. އެކަމާއި ގުޅިގެން ކުރި މަސައްކަތުން ޗައިނާ އާއި އިންޑިއާގެ އިތުރުން ރަޝިއާގެ ފްލައިޓްތައް އިތުރުކުރުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ތޯރިގް ވިދާޅުވި އެވެ. ނަމަވެސް އެ މަސައްކަތް މިހާރު އޮތީ ކޮން މަރުހަލާ އެއްގައިކަން ހާމަކުރައްވާފަ އެއް ނުވެ އެވެ. 

މިނިސްޓަރ ވިދާޅުވީ ޓަރކިޝް އެއާލައިންގެ ދަތުރުތައް ބޭއްވުމަށް ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަންނަ މަހުން ފެށިގެން ރާއްޖޭގެ މާކެޓިން އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

އެކަމާއި ގުލޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވިދާޅުވީ

ރަޝިއާގެ އެއިރޯފްލޮޓް އާއި އިންޑިއާގެ އެއާ އިންޑިއާއިން ވަނީ ކުރިން ރާއްޖެއަށް ހާއްސަކުރާ އަދަދަށްވުރެ ދެގުނަ އަދަދެއް ފްލައިޓްތަކުގައި ހަމަޖެހޭނެކަމުގެ ޔަގީންކަން ދީފައި

މެލޭޝިއާގެ އެއާއޭޝިއާއިން ވެސް ކުރިއަށްހުރި ދުވަސްތަކުގައި ރާއްޖެއަށް ވައިޓް ބޮޑީ އެއާކްރާފްޓް މަތިންދާބޯޓުގެ ދަތުރުތައް ކުރާ ގޮތަށް ދަނީ މަސައްކަތްކުރަމުން؛ އެއީ ގާތްގަނޑަކަށް 500 މީހުންގެ ޖާގަ ހުންނަ މަތިންދާ ބޯޓެއް

ޔުއޭއީގެ އިއްތިހާދު އެއާވޭސްއިން ވެސް ކުރިއަށްހުރި ދުވަސްތަކުގައި ދުވާލަކު ދެ ފަހަރަކު ފްލައިޓް ދަތުރުކުރާ ގޮތަށް

މޯލްޑިވިއަންގެ މަތިންދާބޯޓުން ބަންގްލަދޭޝްގެ ޑާކާއަށް ވެސް ދަތުރުތައް ފަށާނެ

ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ އެއާލައިންތަކުގެ ދަތުރުތައް ހުއްޓުނު ނަމަވެސް މަތީ ފަންތީގެ މީހުން ޖެޓްތަކުގައި ރާއްޖެ ދަތުރުކުރަމުންދާ ކަން ވެސް އަމީން ފާހަގަކުރެއްވި އެވެ. މި ހާލަތުގައި ވެސް އެއީ ވެސް ރާއްޖޭން މާކެޓްކުރަން ޖެހޭ ދިމާލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރަނގަޅު ޓްރެންޑެއް މިއީ. މީގެ ކުރިން އާ އަހަރު ނިމިގެން މިދާ މަސްތަކުގައި ބައިވަރު ޖެޓްތަކެއް ހައި އިންޑް ޓުއަރިސްޓުންނެއް ނާދޭ. އެކަމަކު މި ދެތިން ހަތަރު ދުވަހު ފެނިއްޖެ ބައިވަރު ފްލައިޓްތަކެއް ރާއްޖެ އައި ތަން." އަމީން ވިދާޅުވި އެވެ.