މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ރާއްޖެ ނާދެވިފައި ތިބި 50 އުމްރާވެރިން ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

ހަނގުރާމައިގެ ކަންކަން ވިލަރެސް ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޝަހީމް ވިދާޅުވީ، ރަމަޟާން މަހުގެ ތެރޭގައި މިހާތަނަށް ރާއްޖެއިން 2000 ށް ވުރެ ގިނަ މީހުން އުމްރާ އަށް ގޮސްފައިވާ ކަމަށާއި، ހުރިހާ އުމްރާވެރިންގެ ހާލު ރަނގަޅު ކަމަށެވެ. 

މި ދިމާވެގެން އުޅޭ ހާދިސާއާ ގުޅިގެން، މެދުވެރިކަމުގެ ޙާލަތާ ގުޅިގެން ބައެއް ފްލައިޓްތައް، ބައެއް ގައުމުތަކުން ކެންސަލްވުމާ ގުޅިގެން ޓްރާންސިޓްކޮށް ދަތުރުކުރަން ހަމަޖެހިފައިވާ ބައެއް އުމްރާވެރިންނަށް ނުދެވިގެން ދިމާވި މައްސަލަތަކަށް އަޅުގަނޑުމެން ވާނީ ހައްލު ހޯދައިދީފަ އަދި ރާއްޖޭގެ ވެސް ބައެއް ކުންފުނިތަކުން މި ހާލަތާ ގުޅިގެން ދަތުރުތައް ކެންސަލްކުރި. އެއާ ވިދިގެން ވެސް ބައެއް އުމްރާ ވެރިންނަށް ވަރަށް ދަތިތައް މެދުވެރި ބައެއް ރަށުން މީހުން އުމްރާއަށް ދާންވެގެން ފުރަން މާލެ އައިސް އެތިއްބާ މިކަންތައްތައް މިހެން ދިމާވީމަ ދެން ސަރުކާރުގެ ފަރާތުން މަސައްކަތްކޮށްގެން އާ ފްލައިޓެއް ޗާޓަރު ކުރެވިގެން މިހާރު ހުރިހާ އެންމެންވެސް ވަނީ މައްކާއަށް ފުރާފަ.
އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު

ފްލައިޓެއް ކެންސަލް ވުމުގެ ސަބަބުން ރާއްޖެއަށް އެނބުރި އަންނަން ދަތިވެފައި ތިބި 50 އުމްރާވެރިން ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ މިމަސައްކަތް ކުރަމުން ދަނީ ހައްޖު ކޯޕްރޭޝަންއާ ގުޅިގެން ކަމަށާއި، ވަރަށް އަވަހަށް އާދެވޭނެ ގޮތް ހަމަ ޖެހޭނެ ކަމަށެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ރާއްޖޭގެ އެއާލައިން މި ދޭތެރޭގައި މިހާރު އެބަ ދަތުރުކުރެވޭ އުމްރާ ވެރިން ގޮވައިގެން. އޭގެ އެ ބޭފުޅުންނަށް ރާއްޖެ އާދެވޭނެ ކަމަށް. އެއްވެސް ކަހަލަ ދަތިކަމެއް މެދުވެރިނުވެ، އިރާދަކުރެއްވިއްޔާ އެކަންކަން ވަރަށް ރަނގަޅަށް އިންތިޒާމުކުރެވިގެންދާނެ.
އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު

މީގެ އިތުރުން މިނިސްޓަރު ޝަހީމް ވަނީ ހައްޖާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާވާފަ އެވެ. 

މިނިސްޓަރު ޝަހީމް ވިދާޅުވީ، މިހާރު ހިންގަމުންދާ ހަނގުރާމައާ ގުޅިގެން ހައްޖުގެ ދަތުރުތަކެއް އެއްވެސް ކަހަލަ ލޮޅުމެއް އަންނާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތް ކަަމަށެވެ. ހައްޖާ ގުޅޭ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް އިންތިޒާމު ކުރެވިފައިވާ ކަމަށާއި، މި އިންތިޒާމު ތަކުގައި އެންމެ އަވަހަށް ނިންމި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ ލިބިފައި އޮންނަ އެއް ހާސް ކޯޓާގައި ދަތުރުކުރާ މީހުންގެ ވިސާވެސް އިޝޫ ކުރެވިފައިވާ ކަމަށެވެ.