މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮ ސަޕްލައިކުރުމަށް ބުރޫއަރައި، ސަރަހައްދީ ފެންވަރުގައި ތެލުގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، މުއިއްޒު ސަރުކާރުން ތެލުގެ އެހީތެރިކަމަށް އިންޑިއާގައި އެދިފައިވާ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

 އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ (އެމްއީއޭ) އިން ބުރާސްފަތި ދުވަހު ބުނެފައިވާ ގޮތުގައި އިންޑިއާގެ އެހީތެރިކަމަށް އެދިފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް އަދި ސްްރީލަންކާ ހިމެނެއެވެ.

ބަންގްލަދޭޝްއިން ވަކިން ހާއްސަކޮށް އިންޑިއާގެ ކިބައިން ޑީސަލް ފޯރުކޮށްދިނުމަށް އެދިފައިވާ ކަމަށް އެމްއީއޭ އިން ހާމަކުރެއެވެ. މިކަމާ ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބަންގްލަދޭޝް ހިމެނޭހެން އަވަށްޓެރި ބައެއް ގައުމުތަކުން ޑީސަލް ފަދަ ހަކަތައިގެ ބާވަތްތައް އެކްސްޕޯޓްކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އަދި މިކަމުގައި ގޮތެއް ނިންމާނީ އިންޑިއާގެ އެތެރޭގެ ބޭނުންތަކަށް ބޭނުންވާ މިންވަރަށާއި، އުފެއްދުންތެރިކަން ހުރި މިންވަރަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ބަންގްލަދޭޝްއަކީ ފާއިތުވި މަދު އަހަރުތަކެއްގެ ތެރޭގައި އިންޑިއާއިން ގަވާއިދުން ތެޔޮ އިމްޕޯޓްކުރަމުން އަންނަ ގައުމެއްކަންވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

ބަންގްލަދޭޝް ނުވަތަ އަވަށްޓެރި އެހެން ގައުމަކަށް ޑީސަލް އެކްސްޕޯޓްކުރުމާ މެދު އިންޑިއާ ސަރުކާރުން ގޮތެއް ނިންމާނީ، އެ ގައުމުގެ ހަކަތައިގެ ރައްކާތެރިކަމަށް (އެނާޖީ ސެކިއުރިޓީ) އެއްވެސް އަސަރެއް ނުކުރާނެކަން ކަށަވަރުކުރުމަށްފަހު ވަރަށް ބޮޑަށް ވިސްނުމަށްފަހުގައި ކަމަށް އިންޑިއާ އިން ބުނެފައިވެއެވެ.

އިންޑިއާ އާއި ބަންގްލަދޭޝްއާ ދެމެދު ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ "އިންޑިއާ-ބަންގްލަދޭޝް ފްރެންޑްޝިޕް ޕައިޕްލައިން" ގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2017 ވަނަ އަހަރުގައެވެ.