މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވެގެންދާއިރު، ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާ  ހަރަދު ކޮށްގެން ތެލުގެ އަގު ހިފަހައްޓާނެ ކަމަށް ސަރުކާރުން ބުނެފި އެވެ. 

ހަނގުރާމައިގެ ކަންކަން ވިލަރެސް ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި ތެލުގެ އަގު އުފުލުނު ނަމަވެސް ހާލަތު ގޯސް ނޫން ކަމަށާއި، ތެލުގެ ކަންކަން ހުރީ ރަނގަޅަށް ކަމަށެވެ.

ތެލުގެ އަގު ބޮޑު ކުރަނީ ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ޒަމީރު ވިދާޅުވީ އެއީ އެނަލައިޒްކުރުމަށް ފަހު ގެންނަ ބަދަލުތަކުން އަންނަ ބަދަލެއް ކަަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ތެޔޮ ލިބިމުގައި ދަތިނުވާނެ ކަމަށާއި، ކުރިއަށް އޮތް ފަސް ވަރަކަށް ދުވަސްތެރޭ އެސްޓީއޯގެ އެއް ބޯޓު މާލެ އަންނާނެ ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ އެއް ބޯޓު ތެޔޮ ބަރުކޮށްގެން ރާއްޖެ އައުމަށް ދަތުރު ފަށާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ޒަމީރު ވިދާޅުވީ، އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ބަލާނެ ކަމަށާއި، މިކަން ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ޚަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން ނިންމާފައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މި ރޭވީ އެސްޓީއޯގެ ފައިދާގެ ތެރެއިން، މިސާލަކަށް ސަބްސިޑީ ސަރުކާރުން ދޭނެ. އޭގެ ތެރޭގައި އެސްޓީއޯގެ ފައިސާ އެންޓިސިޕޭޓްކުރާނެ. މިސާލަކަށް 1.5 ފައިދާގެ ގޮތުގައި ލިބޭ ނަމަ އެ ފައިދާގެ ތެރެއިން ބައެއް ކްރޮސް ސަބްސިޑައިޒްކޮށް އެބްޒޯބްކުރެވޭތޯ މި ބަލަނީ
ރައީސް ޑރ.މުހައްމަދު މުއިއްޒު 

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވިއިރު، ރާއްޖޭގައި ޕެޓްރޯލްއާއި ޑީސެލްގެ އަގު ވަނީ ވަރަށް ބޮޑަށް ބޮޑު ކޮށްފަ އެވެ. އަދި ރާއްޖެއަށް ތެޔޮ ހޯދުމަށް އިންޑިއާގެ އެހީއަށް ވެސް ސަރުކާރުން ވަނީ އެދިފަ އެވެ.