އިޒްރޭލާއި އެމެރިކާއިން އިރާނަށް ހަމަލާ ދިނުމާއި ގުޅިގެން އުފެދިފައިވާ ބޮޑު ހަނގުރާމާގެ ސަބަބުން ރާއްޖެއަށް ވަންނަ ޑޮލަރު މަދުވެ، ޑޮލަރުން ހޭދަ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން ސަރުކާރުން ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަނގުރާމައިގެ ހާލަތަށް އަލިއަޅުއްވާލައްވާ އަމްރު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. 

އަމްރު ވިދާޅުވީ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ފިޔަވަޅު އަޅަމުންދާ ކަމަށާއި، އިންޑިއާ، ބަންގްލަދޭޝް، ފިލިޕިންސް، މެލޭޝިއާ އަދި ޖަޕާނު ފަދަ ގައުމުތަކުން ތެލަށް ކުރާ ހޭދަ ކުޑަ ކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި ސްރީ-ލަންކާގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ސްރީލަންކަން އެއަރލައިންސްއަށް ގެއްލުންވި ނަމަވެސް ޓިކެޓްގެ އަގު ވަރަށް ބޮޑަށް ހެޔޮ ކޮށްފައިވާ ކަމަށާއި،  ރައްޔިތުންގެ ޖީބަށް ފައިސާ ވަންނަ ގޮތް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް މިހާތަނަށް ރާއްޖޭގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ އެކަމަށް އިޝާރާތް ކުރައްވައި އަމްރު ވިދާޅުވީ، ހަނގުރާމައާ އެކު ތެލުގެ އަގު އިންތިހާއަށް މައްޗަށް އުފުލެމުންދާ ކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ކުރާ ކަމަށެވެ. ޓިކެޓްގެ އަގު ބޮޑުވުމާއެކު ފަތުރުވެރިން އައުން މަދުވެފައިވާ ކަމަށާއި، މެދުއިރުމަތިން މިހާރު ފަތުރުވެރިން އެއްވެސް ގޮތަކަށް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އަމްރު ވިދާޅުވީ ޝިޕިންގ އިންޝުއަރެންސް ބޮޑުވެފައިވާއިރު، ބޭރުގެ ގައުމުތަކުން ކާބޯތަކެތި ގެނައުމަށް ވެސް ދަތިވެފައިވާ ކަމަށެވެ. ހަނގުރާމައާއެކު، ޑޮލަރު ވަންނަ މިންވަރު މަދުވެ، ޑޮލަރުން ހޭދަ ކުރާވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ދަރަނި ވެސް ޑޮލަރުން ދައްކަން ޖެހޭއިރު، ހަނގުރާމައާއެކު މުޅި އިގްތިސާދަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. 

ނަމަވެސް މިސަރުކާރުން މިކަމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ނުދޭ ކަމަށާއި، ވިޔަފާރިވެރިންނަށް ވާނުވާ ނާންގާ ކަމަށެވެ. އަދި ރިޒާވްގައި ހުރީ ކިހައި މިންވަރެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި އަޅާނެ ފިޔަވަޅުތައް ވެސް ހާމަ ކޮށްފައިނުވާ ކަމަށެވެ. 

އެކަމުގެ ސަބަބުން ކަރަންޓު އަޅުގަނޑުމެންނަށް އުފެއްދެން މިއަންނަނީ ތެޔޮ ބޭނުންކޮށްގެން. އެހެންވީމަ ތެލުގެ އަގާ ގުޅިފައި އެބައޮތް އަޅުގަނޑުމެންގެ ކަރަންޓު ބިލު. ނޫނީ ކަރަންޓު އުފައްދަން އެކުރާ ހަރަދު. އަދި މަސްވެރިން މަހަށް ދިއުމަށްޓަކައި ބޭނުންކުރާ ޑީސެއިލް. ތެޔޮ އަގުބޮޑުވެއްޖެ ކަމަށްވަނީ ވިއްޔާ އޭގެ މާނައަކީ މަސްވެސް އަގު ބޮޑު ވެގެންދޭ. އަދި ހަމައެއާއެކު މުދާ އުފުލުން އެއްތަނުން އަނެއްތަނަށް ރާއްޖޭގެ އެތެރޭގެ އެވެސް އަގު ބޮޑުވެގެންދޭ އަދި ޓްރާންސްޕޯޓް ކޯސްޓް އޯވަރޯލްކޮށް އެބަ ބޮޑު ވެގެންދޭ. އަޅުގަނޑު މިހާރު މިދައްކަނީ ރުފިޔާގެ ވާހަކަ. ރުފިޔާއިން ރާއްޖޭގައި ތެލުގެ އަގު ސަރުކާރުން ޖައްސާފި ކަމަށްވަނީނަމަ ވަގުތުން ވަގުތަށް މިހުރިހާ ކަމަކަށް އަސަރު އެބަ ކުރޭ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ އަގު ޑަންލާފައި އެދަނީ ބޮޑުވަމުން. 
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު

މީގެ އިތުރުން އަމްރު ވަނީ ހަނގުރާމައާ ގުޅިގެން ސަރުކާރުން އަޅާނެ ފިޔަވަޅުތަކާއި، ޕްލޭންތައް ހާމަ ކުރުމަށް ގޮވާލާފަ އެވެ. އަދި މިހާލަތުގައި މަސައްކަތް ކުރާނެ ކޮމެޓީއެއް އެކުލަވާލުމުން އެކަނި ނުފުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.