ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ބާއްވާ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންގެ ގައިގައި ތިން ވަނަ ފަހަރަށް ވީހަލާން ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕިކަޕް ޖަލްސާގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އިލެކްޝަންސް ކޮމިޝަންގެ ރައީސާ ސިއްރު ބައްދަލުވުންތައް ގެންދަވާ ކަމަށެވެ. މި ބައްދަލުވުންތަކުން ކޮންމެ ކަމަކުން ވެސް އެނގެނީ ފަހަރަކު ބާރެއް ފަހަރަކު ބާރެއް ނަންގަވަމުން ގެންދަވާ ތަން ކަމަށް ބިގޭ ވިދާޅުވި އެވެ.

ބިގޭ ވިދާޅުވީ މިނިވަން މުއައްސަސާތައް ކަމުގައިވާ ސިވިލް ސަރވިސް ކޮމިޝަން ކަމަށް ވިޔަސް އެންޓި ކޮރަޕްޝަން ކޮމިޝަން ކަމަށް ވިޔަސް މިހެން ހުރި ކޮންމެ ތަނެއްގެ ފުރިހަމަ ބާރުވެރިކަން ސަރުކާރުގެ މުށުތެރެއަށް ނެންގުމަށްޓަކައި އިދިކޮޅު މެންބަރުން މަޖިލީހުން ބޭރުކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކުރައްވައިގެން ނުހައްޤުން އެ ކަންކަން ކުރެއްވި ކަމަށެވެ.

މިހާރު މި ކުރައްވާ ކަމަކީ އަޅުގަނޑުމެން ވަރަށް ޒަމާނުއްސުރެ އެދޭއް ބައެއްގެ ބުރަ މަސައްކަތުން، ވަކިކުރި ބާރުތައް އަމިއްލަ އަތްޕުޅަށް ނަންގަވައި، ތާއަބަދު ވެރިކަމުގައި ދެމިހުރުމަށް ކުރައްވަމުން ގެންދަވާ ނުހައްގުު ވައްކަމުގެ ބޮޑު ޖަރީމާއެކޭ އަޅުގަނޑު ދަންނަވާނީ. މި ފުރުޞަތު އަޅުގަނޑުމެން ރައްޔިތުންނަށް މި ވަގުތު މި އޮތީ ލިބިފަ. އަޅުގަނޑުމެންނަށް އޮޅުވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަންގަވައިފި. ސަރުކާރުގެ ފުރިހަމަ ޕަވަރ ނަންގަވައިފި. ހުރި އެހެން މުއައްސަސާތަކުގެ ބާރުވެރިކަން ނަންގަވައިފި. ެން މި އޮތީ އަޅުގަނޑުމެން ކުރިމަތީގައި އަނެއްކާވެސް ސަރުކާރަށް ނޫނެކޭ ބުނަން ލިބޭ ހަމައެކަނި ފުރުޞަތު. މި ފުރުޞަތުގެ ބޭނުން ރަނގަޅަށް ވިސްނައި، ފިކުރުކުރެއްވުމަށްފަހު ބޭކާރު ގޮތުގައި ދޫކޮށްނުލެވުމަށް އަޅުގަނޑު ދިޔައީ ލޮބުވެތި ރައްޔިތުންގެ ކިބައިން އަދަބު އިހުތިރާމާއެކު ވަރަށް ބޮޑަށް އެދެން.
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ބިގޭ ވިދާޅުވީ އެމްޑީޕީން ކުރާ މަސައްކަތަކީ ވަކި ބަޔަކަށް ވެގެން ކުރާ މަސައްކަތެއް ނޫން ކަމަށާއި އެމްޑީޕީއަކީ އެތައް ޒަމާނުއްސުރެ އިޞްލާޙީ މަސައްކަތްތަކެއްގެ ތެރެއިން އެ މަސައްކަތުގައި ދެމިތިބުމަށްފަހު އުފެދުނު ޕާޓީއެއް ކަމަށެވެ.

ވެރިކަމަށް އެމްޑީޕީއަށް އާދެވުނު ކޮންމެ ފަހަރަކު ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދިނުމާއި އަސާސީ ހައްޤުތައް ކަށަވަރުކޮށްދިނުމާއި އަނިޔާވެރިކަން ނައްތާލުމާއި ދުލާއި ގަލަމުގެ ވިނިއަންކަން ކަށަވަރުކޮށްދިނުމާ މި ހުރިހާ ކަމެއް ތަޖުރިބާއިން ދެވެރިކަމުގައި ފެނިފައިވާ ކަމަށް ބިގޭ ވިދާޅުވި އެވެ.

މީ އަޅުގަނޑުމެން ދިވެހި ލޮބުވެތި ރައްޔިތުން އެއްގޮތަކަށްވެސް ބޭނުންވާނެ ގޮތެއް ނޫން. އަޅުގަނޑުމެން ނުކުމެ މި ވާހަކަ މި ދައްކަނީ، އެއްވެސް ވަރަކަށް އަމިއްލައަށް އަމިއްލަ ބޭނުމެއްގައި ދައްކާ ވާހަކައެއް ނޫން. އަޅުގަނޑު ވެސް ފަރުދީ ޒިންމާއެއް އެބައޮތް. އަޅުގަނޑުގެ ޒިންމާއެއް އަޅުގަނޑުގެ ދަރިންނަށް އަންނަން އޮތް ޖީލުތަކަށް މި ރާއްޖެ ސަލާމަތްކޮށްދިނުން މިއީ. އެ ޒިންމާ އަޅުގަނޑު މި އަދާކުރަނީ. ހަމަ އެގޮތަށް ކޮންމެ ދިވެހި ފަރުދަކަށްމެ އެ ޒިންމާ އެބައޮތް. އެ ޒިންމާ ހިޔަގޮތުގައި އަދާކުރައްވާ. އެ ފަރުދާ ހަމައަކުން ވެސް މި ޤައުމެއް ނުނިމޭ. މި ރާއްޖެއިން ނުނިމޭ. މި ރާއްޖެ ސަލާމަތްކޮށްދޭން އެބަޖެހޭ. އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ދަރިންނަށް އުފާވެރި ރާއްޖެއެއް އުޅެވޭނެ ގޮތް ފަހިކޮށްދިނުމަށް. މި ސަބަބަށްޓަކައި ވެސް މި ސަރުކާރުން ހިންގާ ޖަރީމާތަކަށް އާއެކީ ނުބުނުމަށް ތަކުރާރުކޮށް ދަންނަވަން. މިހާރު ކުރިމަތިވެފައި މި އޮތް ފެންނަ ނުފެންނަ ވޯޓަކީ، އަޅުގަނޑުމެންގެ ގަޔަށް ތިން ވަނަ ފަހަރަށް ވީހަލާން އެ ބޭފުޅުން ކުރަން ހިންގަވާ ބޮޑު ޖަރީމާއެކޭ. 
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ބިގޭ ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާ ނެންގެވީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށާއި ދެން ހަމައެކަނި ސަރުކާރު ޖަވާބުދާރީކުރުވުމަށް ކިރިޔާ ވެސް އޮތް ފުރުޞަތަކީ ލޯކަލް ކައުންސިލް އިންތިޚާބާ އަދި އިންތިޚާބު އެކޮށްލުމަށް މި ކުރާ މަސައްކަތުގައި ދިވެހި ލޮބުވެތި ރައްޔިތުން ނުކުމެ މި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނުން ކަމަށެވެ.

އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުން ނެރުއްވާފައި ތިބި ކެންޑިޑޭޓުން އެއީ ވެރިންގެ އަޅުން ކަމުގައި ދެކި އެމްޑީޕީން ނެރުއްވާފައި ތިބި ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުން އެއީ މި ޤައުމުގެ ކުރިމަގު އުޖާލާވާން އޮތް ގޮތް ކަމަށެވެ.