މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ. 

ޒަކާތު ހައުސް އިން ބުނީ، މާލެ ސަރަހައްދުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ބަލައި ގަންނާނެ ކަމަށެވެ.

އެގޮތުން 15 މާރިޗުވާ ހޮނިހިރު ދުވަހާއި 15 މާރިޗްވާ އާދިއްތަ ދުވަހު ގޮވާމުން ޒަކާތް ބަލައިގަންނާނީ ހެނދުނު 10:00ން މެންދުރު 12:00 ށެވެ. އަދި 16 މާރޗްވާ ހޯމަ ދުވަހުގެ ހެނދުނު 10:00ން މެންދުރު 12:00ށް އަދި މެންދުރު 13:00ން 15:00ށް ގޮވާމުން ޒަކާތް ބަލައި ގަންނާނެ ކަމަށް ޒަކާތު ހައުސް އިން ބުނެ އެވެ.

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަމުން ދާނީ ސީއެޗްއެސްއީ ހޯލްގަ އެވެ. 

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.

ގޮވާމުން ފިތުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ.

މީގެ އިތުރުން ޒަކާތު ހައުސް އިން އަންނަނީ އޮންލައިންކޮށް، ހަތް ޕްލެޓުފޯމެއް މެދުވެރިކޮށް ޒަކާތް ބަލައިގަންނަމުންނެވެ. އަދި ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ޒަކާތު ހައުސިން އިން ބުނެ އެވެ. 

ފިތުރު ޒަކާތް ދެއްކުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.