ނުކުޅެދުންތެރިކަން
ހުންނަ ފަރާތްތަކަށް ފްލެޓު ދިނުމުގައި ބަލާނެ ކަންކަން އިތުރަށް ހަރުކަށިކޮށް، މާލެގައި
ދިރިއުޅޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ އުސޫލަށް 1 ވަނަ އިސްލާޙު ގެނައުމުގެ އުސޫލު
އާންމުކޮށްފިއެވެ.
މި އުސޫލުގައި
ކުރިން އޮންނަނީ ފްލެޓު ދޭއިރު، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްސަ
އިސްކަން ދޭ ކެޓެގަރީތަކެއް ހިމަނާފައެވެ. އެގޮތުން 11 ކެޓެގަރީއެއް
ހިމަނާފައި އޮތް އިރު، އޭގެ ތެރޭގައި އެކަނިވެރި މައިންނާއި، ޓެކްސީ ޑްރައިވަރުންނާއި،
ރިޒޯޓު ދާއިރާގެ މުވައްޒަފުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް
ހިމެނެއެވެ.
އެ
ފަރާތްތަކަށް ފްލެޓު ދޭއިރު އާމްދަނީގެ މިންގަނޑުތަކާ ގުޅޭ ޝަރުތުތަކާއި، މުދަލުގެ
މިލްކުވެރިކަމާ ގުޅޭ ޝަރުތުތައް ހިމެނެއެވެ.
އެހެންނަމަވެސް
މިހާރު އެ އުސޫލަށް ގެނައި އިސްލާޙުގައި ވަނީ ޚާއްޞަ އިސްކަންދެވޭ ނުކުޅެދުންތެރިކަން
ހުންނަ ފަރާތްތަކާ ގުޅޭ އިތުރު މައްދާއެއް ހިމަނައި، އެ ފަރާތްތަކުގެ އިތުރު
ޝަރުތުތަކެއް ހިމަނާފައެވެ. އެގޮތުން ފްލެޓުދޭއިރު ނުކުޅެދުންތެރިކަން ހުންނަ
މީހެއްކަމުގައި ބަލަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް
ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި
ބަޔާންކޮށްފައިވާ ފަރާތްތަކެވެ.
އެ
މާއްދާގައި އޮންނަނީ ދިގު މުއްދަތުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ
ހިއްސުތަކުގެ ނޫނީ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު އެ އުނިކަމެއްގެ ސަބަބުން
ކުރިމަތިވާ އެންމެހައި ހުރަސްތަކާހުރެ މުޖްތަމަޢުގެ އެހެން މީހުންނާ
އެއްހަމައެއްގައި ބޭނުންތެރި ގޮތުގައި އެންމެ ފުރިހަމައަށް ބައިވެރިވެ
ޙަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކު ހިމެނޭނީ ނުކުޅެދުންތެރިކަން ހުންނަ
މީހުންގެ ތެރޭގައި ކަމަށެވެ.
މީގެ
އިތުރުން، އެމީހަކީ ފަރުވާ ހޯދުމަށްޓަކައި އާންމުކޮށް ގްރޭޓަރ މާލެ ސަރަޙައްދަށް
އަންނަންޖެހޭ، އަދި ގްރޭޓަރ މާލެ ސަރަޙައްދުން އެންމެ މަދުވެގެން ވެސް ވޭތުވެދިޔަ 1
އަހަރު ފަރުވާ ހޯދާފައިވާ ފަރާތަކަށްވުން ނުވަތަ، މާލޭގައި ދިރިއުޅޭ އަދި ފާއިތުވި
1 އަހަރު ފަރުވާ ހޯދާފައިވާ ފަރާތަކަށްވުން ނުވަތަ މެދުނުކެނޑި 5 އަހަރު ގްރޭޓަރ
މާލޭގައި ދިރިއުޅެމުން އަންނަ ފަރާތަކަށްވުމަކީވެސް ޝަރުތެކެވެ.
އުސޫލަށް
ގެނައި އިސްލާޙުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހުށަހަޅަންޖެހޭ
ލިއެކިއުންތައްވެސް ތަފްސީލުކޮށްފައެވެ. އޭގެ ތެރޭގައި ނޭޝަނަލް ޑިސްއެބިލިޓީ ރަޖިސްޓްރީގައި ހިމަނާފައިވާކަމުގެ ލިއުން
ނުވަތަ ސިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ލައިސަންސް ލިބިފައިވާ ޕްރެކްޓިޝަނަރަކު
ދޫކޮށްފައިވާ ލިއުން ހުށަހެޅިދާނެއެވެ.
މީގެ
އިތުރުން، އެމީހަކީ ފަރުވާ ހޯދުމަށްޓަކައި އާންމުކޮށް ގްރެޓަރ މާލެ ސަރަޙައްދަށް
އަންނަންޖެހޭ، އަދި ގްރޭޓަރ މާލެ ސަރަޙައްދުން އެންމެ މަދުވެގެންވެސް ވޭތުވެދިޔަ 1
އަހަރު ފަރުވާ ހޯދާފައިވާ މީހެއް ނަމަ. އެ ފަރާތްތަކުން ފަރުވާ ހޯދަމުންދާކަމާއި، ފަރުވާގެ
މުއްދަތު ބަޔާންކޮށް ޑޮކްޓަރުގެ ލިއުމާއި ޞިއްޙީ މަރުކަޒުގެ ލިއުންވެސް ހުށަހަޅަން
ޖެހެއެވެ.