މެދުއިރުމަތީގައި
ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި
ހިސާބުން ވެސް މި ސަރުކާރުން އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން އެނގިގެން ގޮސްފައިވާކަމަށް
އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ
އެވެ.

ރާއްޖެ
ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިހުސާން ވަނީ މެދުއިރުމަތީގައި
ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ކޮށްފާނެ އަސަރުތަކަށް
ސަރުކާރުން ސަމާލުވެ އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާކަމަށް
ވިދާޅުވެފައެވެ.

އިހުސާން
ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް
އޭގެ އަސަރު ކުރާ ކަމަށާއި، އޭގެ ލޮޅުން ރާއްޖޭގެ އިޤްތިސާދަށް ވެސް އަރާނެ
ކަމަށެވެ.

މި ހުރިހާ ކަމެއް ނޫސް ކިޔާ   އެންމެ ކުޑަކުދިންނަށް ވެސް އެބަ އެނގޭ ދުނިޔޭގެ ސަޕްލައި ޗެއިންއަށް ލޮޅުމެއް އަރާ ހަމަ ކޮންމެ ފަހަރަކު އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އިޤްތިސާދަށް އޭގެ ބުރޫ އެބަ އަރާ، ދަތުރުފަތުރުގެ ނިޒާމަށް ލޮޅުން އަރާ ކޮންމެ ފަހަރަކު ވެސް އަޅުގަނޑުމެންގެ އިޤްތިސާދަށް އެބަ ލޮޅުން އަރާ، މިއީ ރާއްޖޭގެ ތާރީޚަށް ބަލާއިރުވެސް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެނގެން އޮތް ކަމެއް.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން

އިޙުސާން
އިތުރަށް ވިދާޅުވީ، އެ ހުރިހާ ކަމެއް އެހެން ހުއްޓައި މެދުއިރުމަތީގެ ހަނގުރާމަ
ފެށިފައިވާ ކަމަށާއި، ނަމަވެސް ޤައުމުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ
އެކަމާމެދު ކަންބޮޑު ނުވުމަށް ކަމަށެވެ. އަދި އެކަމުން އެނގިގެން ދިޔައީ
އެބޭފުޅުން މިފަދަ ޙާލަތަކަށް ތައްޔާރު ނޫން މިންވަރުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެދުއިރުމަތީގައި ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ބުނާ ހިސާބުން ދެން އަޅުގަނޑުމެންނަށް އެނގިއްޖެ މި މީހުން މިކަމަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެފައި ނެތްކަން.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން

އިހުސާން
ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ
ވިދާޅުވީ ވަކި ކަމެއް އިސްތިސްނާ ކުރުމެއް ނެތި، ރައްޔިތުން އެންމެ
ބޭނުންޖެހިފައިވާ ކޮންމެ ކަމެއްގައި ވެސް ރައީސް މުއިއްޒު ގެންދަވަނީ ހަގީގަތް
އޮޅުވާލައްވައި ދޮގު ވައުދުތައް ވަމުން ކަމަށެވެ.