ވަރަށް ގިނަ ރައްޔިތުން ބޭނުންވަނީ މި ސަރުކާރު ބަދަލުކުރަން ކަމަށާއި ރައްޔިތުން ތިބީ މި ސަރުކާރާ ދޭތެރޭގައި ވަރަށް ބޮޑު ހިތްހަމަނުޖެހި ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

މާފަންނު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތަށްފަހު މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރައްޔިތުން ހިތްހަމަނުޖެހިފައި ތިބުމުގެ ސަބަބުތައް ރައްޔިތުންނާއި ބައްދަލުވުމުން ކިޔައިދޭ ކަމަށެވެ. ސަބަބުތަކުގެ ތެރޭގައި އާސަންދަ ނުލިބޭ ވާހަކަ އާއި ބޭސް ނުލިބޭ ވާހަކަ އަދި ތަކެތި އަގުބޮޑުވާ ވާހަކައިން ފެށިގެންގޮސް ހަމަ ރަނގަޅު އެއްވެސް ކަމެއް ނެތް ކަމަށެވެ.

އާޒިމް ވިދާޅުވީ ޚާއްޞަކޮށް މާލޭގެ އެކި ތަންތަނަށް ޒިޔާރަތްކުރާއިރު ވެސް މާލޭގެ ރައްޔިތުންގެ ގޯތިގެދޮރު ސަރުކާރުން ގަޑުބަޑުކޮށްލި މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ރައްޔިތުން ދެކޭ ކަމަށެވެ. 

ހަމަ ގަސްތުގައި އެ ގޯތި ނުދީ ރައްޔިތުން ގަނަތެޅުވުމަށްޓަކައި އެ މީހުން މި ޕްރޮގްރާމް މިއޮތީ ގަޑުބަޑުކޮށްލާފަ. އެ މީހުން އަސްލު ހެޔޮ ހިތެއްގައި ގޯތިގެދޮރުގެ ކަންތަކުގައި އުޅުނު ނަމަ މިއަދު ގޮސް ރަސްމާލެ ކިޔާ ތަނެއް ހިއްކާކަށް ނުފެށީސް. އަޅުގަނޑު ހަމަ ވަރަށް ސާފުކޮށް އަޅުގަނޑުމެން އެދުނީ، ރައީސް އަރިހުގައި އެތަނުން މަޑުޖައްސާލާފައި، މާލެއަށް ބުރިޖުން ގުޅޭހިސާބަށް ހުރި ތަންތަން ހިއްކައިދެއްވާށޭ. އަދި އެމް.ޑީ.ޕީ ސަރުކާރުން ހިއްކާފައި ހުރި ތަންތަން އެބަހުރި. ހުޅުމާލެ ފޭސް ތިނެއްގެ ތަން ވަރަށް ބޮޑަށް ހިއްކައި ގުޅީފަޅު ހިއްކާ ނިމިފައި އޮތީ. ގިރާވަރުފަޅުގެ ވެސް ބޮޑު ބައެއް ގަނޑަކަށް 80 ޕަސެންޓް ހިއްކައި ނިމިފައި އޮތީ އޭރުގައި.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ އެމްޑީޕީގެ ގޯތިގެދޮރުގެ ސިޔާސަތު އެގޮތަށް ކުރިއަށް ގެންދިޔަ ނަމަ، މާލޭގެ ރައްޔިތުން ހާލުގައި އުޅެން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ދަތިކުރުމަށްޓަކައި މިކަން ކުރި ކަމަށް ރައްޔިތުން ވަރަށް ބޮޑަށް މިހާރު ގަބޫލުކުރާ ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ އޭނާ އެދެނީ ރައްޔިތުން ނުކުމެވަޑައިގެން، އެމްޑީޕީގެ މެންބަރުންނަށް ވޯޓުދެއްވާ ރައްޔިތުންގެ ހިތްހަމަނުޖެހުން ވޯޓުން ދައްކައި ދިނުމަށެވެ. 

އާޒިމް ވިދާޅުވީ މި ސަރުކާރަށް ދެ އަހަރާއި ބައިވި އިރު، ރައްޔިތަކަށް ފަސޭހަވާނެ އެއް ކަމެއް ނުކުރާކަން ރައްޔިތުން ގަބޫލުކުރަމުންދާ ވަގުތެއްގައި މި ފުރުޞަތުގެ ބޭނުންކުރައްވާ އެ މީހުންނަކީ ވިޔާނުދާ ބައެއް ކަމާއި، މިއަދުގެ ސަރުކާރަކީ ކަނޑައެޅިގެން ރައްޔިތުންނަށް ކޮންމެ ދުވަހަކު ދޮގުހަދަމުންދާ ބައެއްކަން، ބުނުމަށްޓަކައި ލިބޭ ފުރުސަތަކީ އިންތިހާބު ކަމަށް އާޒިމް ވިދާޅުވި އެވެ.