ރައީސް މުޢިއްޒު ހިންގަވާ ފިނޑި ހުތުރު އަމަލުތައް މިހާރުން މިހާރަށް ހުއްޓާލައްވައި ފަހަތަށް ޖެހިވަޑައިގަތުމަށް ޝާހިދު ގޮވާލައްވައިފި އެވެ. 

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު، އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން ގއ. މާމެންދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ދިވެހި ރާއްޖޭގެ ރައްޔިތުން އަނިޔާވެރިކަމުގެ ކުރިމަތީ ބޯ ނުލަނބާނެ ކަމަށާއި އަނިޔާވެރިވުމާއި ބިރުދެއްކުން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ވޯޓު ލުމުގައި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރެވޭނެ ގޮތަށް ކަންކަން ކުރައްވައި ފަހަތަށް ޖެހިވަޑައިގަތުމަށް ޝާހިދުވަނީ ގޮވާލައްވައިފަ އެވެ.

އަނިޔާވެރިއެއް ނުވެވޭނެ، އަނިޔާވެރިކަމުގެ ކުރިމަތީ ދިވެހިން ބޮލެއް ނުލަނބާނެ. މިހާރު ޕީއެންސީގަ އެކަން ދަސްވާހަ ދުވަސް ވެއްޖެ. މީގެ ކުރިން އުފެދިފައި އޮތް ޕީޕީއެމް ގެ އަނިޔާވެރި ސަރުކާރުން ވެސް އެކަން އެހިސާބަށް ގެންދިޔަ. އެއަށްވުރެ މާ މައްޗަށް ގެންދިޔަ، އެހެންނަމަ ވެސް ކިހިނެއްތޯ؟  އާހިރުގައި ވީ ހަމަ ބޮޑުތަނުން ބަލި. މިފަހަރުވެސް ވާނީ ހަމަ އެހެން. 
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

މީގެއިތުރުން ޝާހިދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ފަރިތަ ޕާޓީ އަކީ އެމްޑީޕީ ކަމަށާއި ލާމަރުކަޒީ ނިޒާމު ހިންގަން އެނގޭ ޕާޓީ އަކީ ވެސް އެމްޑީޕީ ކަމަށެވެ. އަދި މިސަރުކާރު ހިންގާ ޕާޓި ޕީއެންސީ އަށް ފަރިތައީ ރަށްރަށަށް ގާނޫނުން ދީފައިހުރި ބާރުތައް އަނބުރާ އަތުލައި މާލޭގައި ހުންނަ މިނިސްޓްރީއަކަށް ގެންދިއުން ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވީ މި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަންޖެހޭ ކަމަށާއި މިސަރުކާރު ބަލި ނުކުރެވިއްޖެ ނަމަ ރަށްރަށުގެ ކަންކަން ނިންމާނީ މާލޭގައި އޮންނަ މިނިސްޓްރީއަކުން ކަމަށެވެ. އެންމެ ކުދިކުދި ކަންކަންވެސް ދެން ކުރެވޭނީ މާލޭގައި ހުންނަ މިނިސްޓްރީއަށް ސިޓީ ފޮނުވައިގެން ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެއީ މިސަރުކާރުން ބޭނުންވާ ގޮތް ކަމަށާއި އެކަން ވިޔަ ނުދިނުމަށް ކެނޑިނޭޅި ހުރިހާއެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.