އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ ގްރޭސްގެ
މަރުގެ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި އަޑުއެހުމުގައި އޮތީ ދިފާއީ ހެއްކެއްގެ ހެކިބަސް
ނެގުމެވެ. އެގޮތުން ހެއްކެއްގެ ގޮތުގައި ހާޒިރުވެފައިވަނީ ޙާދިސާ ހިނގިއިރު
އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިނިސްޓްރޭޝަން އޮފީހުގައި މަސައްކަތް ކުރެއްވި
ފަރާތެކެވެ.
މި އަޑުއެހުމުގައި ދިފާއުން ވަނީ މޭރީ ގްރޭސް އީއާރަށް
ގެނެސްފައި އެންމެ ފުރަތަމަ އެޓެންޑުވި ޑޮކްޓަރުން ދީފައިވާ ފަރުވާއާއި އޭރު ދެވުނު
ފަރުވާގެ ތަފްސީލު ލިޔެފައިވާ އަތުލިއުމުގެ ނޯޓުކޮޅު ކޮބައިތޯ ސުވާލުކޮށްފައެވެ. ސަބަބަކީ
އޭރު އަތުލިއުމުން ނޯޓުކޮޅެއް ލިޔެފައިވާނެކަމަށް މި މައްސަލައިގައި އެޓެންޑުވި
ޑޮކްޓަރަކު ޝަރީއަތުގައި ވިދާޅުވެފައިވާތީއެވެ.
ހެކިވެރިޔާ ވިދާޅުވީ، އެފަދަ އަތުލިއުމުގެ ނޯޓުތައް
ނައްތާލުމާއި ބެލެހެއްޓުމުގެ ވަކި އުސޫލެއް އޮންނަކަމެއް އެނގިފައިނުވާކަމަށެވެ.
މީގެ އިތުރުން، މޭރީ ގްރޭސްގެ މެޑިކަލް ޗާޓުތައް
ހޯދުމަށް ދައުލަތުން އެދުނުނަމަވެސް، މެޑިކަލް ޗާޓެއް ތައްޔާރުކޮށްފައި ނުވާކަމަށް
އައިޖީއެމްއެޗުން ބުނެފައިވާތީ އެކަންވެސް މި މައްސަލަ ބައްލަވާ ޝަރީއަތުން ވަނީ އިތުރަށް
ސާފު ކޮށްފައެވެ.
ހެކިވެރިޔާ ވިދާޅުވީ، މަރުވެގެން ގެންނަ މީހުންގެ
މެޑިކަލް ޗާޓެއް ތައްޔާރު ނުކުރާނެ ކަމަށާއި، އެފަދަ މައްސަލަތަކުގައި
ތައްޔާރުކުރާނީ ޑެތް ސަމަރީ ކަމަށެވެ. އޭނާ ވިދާޅުވީ، މޭރީ ގްރޭސްއަށް ދީފައިވާ
ބޭސްފަރުވާގެ ތަފްސީލު ޑެތް ސަމަރީން ސާފުވާނެ ކަމަށެވެ.
އޭނާ ވަނީ އައިޖީއެމްއެޗްގެ ޕޭޝަންޓް ރެކޯޑު މެނޭޖްމަންޓު
ސިސްޓަމް ގެ ސޮފްޓްވެއަރ އާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވަފާއެވެ.
ދިފާއީ ވަކީލު ވިދާޅުވީ، ޑެތް ސަމަރީގައި ހުރި
ކަންކަން ދިފާއަށް ޔަޤީން ކުރެވޭނީ އެ ނޯޓުތައް ލިބިގެން ކަމަށެވެ.
އެހެންކަމުން ދިފާއުން ވަނީ އެ ފަރާތުން ސާފުކުރަން
ބޭނުންވާ މައުލޫމާތުތައް މި ހެކިވެރިޔާގެ ފުށުން ސާފުނުވާކަމަށްވެސް
ވިދާޅުވެފައެވެ. އަދި ވިދާޅުވީ ދިފާއުން އެދެނީ މެޑިކަލް ދާއިރާއިން އެ ނޯޓުތަކާ
ގުޅޭ މައުލޫމާތު ދެވޭނެ ފަރާތެއް ހާޒިރުކޮށްދިނުމަށް ކަމަށެވެ.
ގާޒީ ވިދާޅުވީ، މި މައްސަލައިގައި މީގެ ކުރިން
ޚަބީރުންގެ ގޮތުގައިވެސް މެޑިކަލް ދާއިރާގެ ބޭފުޅުން ވަޑައިގެންނެވި ކަމަށާއި،
އޭރު ދިފާއުން ސާފު ކުރަން ބޭނުންވާ ކަންކަން ހުރިނަމަ ސާފު ކުރެވެން އޮތް
ކަމަށެވެ. އެހެންކަމުން އިތުރު ހެއްކެއް ދެން ހާޒިރެއް ނުކުރައްވާނެކަމަށް ގާޒީ
ވިދާޅުވިއެވެ.
ދެން އޮންނާނީ މި މައްސަލައިގެ ޚުލާސާ ބަޔާން
އިއްވުމެވެ. އެ އަޑުއެހުން އޮންނާނީ 26 މާރުޗުގައެވެ.
ކްރިމިނަލް ކޯޓުގައި މިހާރު މި މައްސަލަ ބައްލަވަނީ
ގާޒީ މުޒައްމިލު ނާސިރުއެވެ.