ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް
ދުވަހެއްގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތް ދިފާއު ކުރައްވައި، އެއީ
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)
ގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ އެއްފަދަ ކަމެއްގެ ގޮތުގައި މި
ސަރުކާރުގެ ޚާރިޖީ ވަޒީރު ޑރ އަބްދުﷲ ޚަލީލް ސިފަ ކުރައްވައިފިއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާ
ދެމެދު މުއްދަތެއް ހޭދަވުމުން އެ އިރެއްގައި އޮންނަ ސަރުކާރެއް ވަޒަން ކޮށްލުމުގެ
ފުރުސަތުވެސް ރައްޔިތުންނަށް ލިބޭކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ދެ އިންތިޚާބު
އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
ޕީއެންސީގެ ކެމްޕޭން ޙަރަކާތެއްގައި އެކަމާ ގުޅޭގޮތުން
ވާހަކަ ދައްކަވަމުން ޚަލީލް ވިދާޅުވީ، ކައުންސިލް އިންތިޚާބާއި އަންހެނުންގެ
ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަކީ ދެ އިންތިޚާބެއް ކަމަށާއި، ވޯޓުލާ
މީހުންގެ އަތަށް ލިބެނީވެސް ދެ ކަރުދާސްކޮޅު ކަމަށެވެ.
އެހެންކަމުން އެއްދުވަހެއްގައި ދެ އިންތިޚާބު ބާއްވައިގެން
މިހާހިސާބަށް މި ޤައުމުގައި މައްސަލައެއް ނުޖެހޭކަން އެކަމުންވެސް
އެނގިގެންދާކަމަށް ޚަލީލް ވިދާޅުވިއެވެ.
ގައިމުވެސް މިއީ ދެ އިންތިޚާބެއް. ދެ އިންތިޚާބެއް ދެ ކަރުދާސްކޮޅެއް ތިބޭފުޅުންގެ އަތްޕުޅަށް ލިބިވަޑައިގަންނަވާނީ. އެހެންވީމަ މި ބޭފުޅުންނަށް މިހާރު ވިސްނިވަޑައިގަންނަވަން ވާނެ އެއްދުވަހެއްގައި ދެ އިންތިޚާބު ބާއްވައިގެން މިހާހިސާބަށް މި ޤައުމުގައި މައްސަލައެއް ނުޖެހޭކަން.ޚާރިޖީ ވަޒީރު ޑރ އަބްދުﷲ ޚަލީލް
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް އޮތްކަން
ފާހަގަ ކުރައްވައި ޚަލީލް އިތުރަށް ވިދާޅުވީ، ރައްޔިތުންނާއި ހަމައަށް ނުގޮސް
ޤާނޫނުއަސާސީއަށް އިސްލާޙު ގެނެސްގެންވެސް އެކަން ކުރެވެން އެބައޮތް ކަމަށާއި، ނަމަވެސް
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގަން ސަރުކާރުން ނިންމީ މި ސަރުކާރުގެ
ތެދުވެރިކަމާއި އިޚްލާސްތެރިކަމުގެ ސަބަބުން ކަމަށެވެ.