ހުޅުމާލޭގައި ހިންގާ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއް އިހުތިޖާޖު ކުރުމުން، އެ މުވައްޒަފުންގެ ކަންބޮޑުވުންތައް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި އިހުތިޖާޖު ކޮށްފައި ވަނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރިވެލި ބީޗް ރެސްޓޯރަންޓްގެ މުވައްޒަފުންތަކެކެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން، މުސާރައާ ގުޅޭ ކަންބޮޑުވުންތަކެއްގެ ސަބަބުން މަސައްކަތް ހުއްޓާލައި އިހުތިޖާޖުކުރާ ކަމުގެ މައުލޫމާތު 10 މާރިޗު 2026 ވަނަ ދުވަހުގެ 15:50 ހަކަން ހާއިރު ލިބިފައިވާ ކަމަށެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ތަނަށް ގޮސް، މުވައްޒަފުންނާއި މެނޭޖްމަންޓާ ބައްދަލު ކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ، މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، މުވައްޒަފުންގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކަށް މިހާރު ވެސް ހުށަހަޅާގައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ގާނޫނުގެ ތެރެއިން ހައްލުކުރުމަށް ފުލުހުން އެ ފަރާތްތަކަށް ވާނީ އިރުޝާދު ދީފަ އެވެ. އަދި އަމަންއަމާންކަން ދެމެހެއްޓުމަށާއި ގާނޫނާ ހިފު އެއްވެސް ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ، އިހުތިޖާޖު ކުރުމުގައި އެއްވެސް ހަމަނުޖެހުމެއް ނުވަތަ ގާނޫނާ ހިލާފު ކަމެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.
މި އިހްތިޖާޖުގައި 13 ވަރަކަށް ބިދޭސީ މުވައްޒަފުން ބައިވެރިވެފައިވެ އެވެ.
އެ މުވައްޒަފުން، ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއި އެކު އިހްތިޖާޖު ކޮށްފައިވާއިރު އެމީހުންނަށް ރަނގަޅު އެކޮމަޑޭޝަނާ، އެކޮމަޑޭޝަން އެލެވެންސުގެ އިތުރުން ކޮއްތު ފައިސާ ދިނުމަށް ގޮވާލާފައިވެ އެވެ. އަދި 10 ގަޑިއިރުގެ ޑިއުޓީ ކުރުވާ ކަމަށާއި، އިތުރު ގަޑީގެ ފައިސާ ވެސް ދިނުމަށް ގޮވާލާފައިވެ އެވެ.