މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފެންނަމުންދަނީ
އެވަގުތަކު ހިތްޕުޅަށް އައި އެއްޗެއް ވިދާޅުވެ އެ އެއްޗެއް ވައުދަކަށް ހައްދަވަމުން ގެންދަވާ މަންޒަރުކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޑޯޓުޑޯ ޙަރަކާތް ރެއަށް ނިންމަވާލެއްވުމަށް ފަހު
މީޑިއާއާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މާލެ ސިޓީގެ ޚާއްސަ މެނިފެސްޓޯ އެމްޑީޕީން
އެކުލަވާލިއިރު މާލެސިޓީއަށް އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓުންނާއި، ރައީސް
އިބްރާހިމް މުޙައްމަދު ސާލިޙު އަދި އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން
ހިމެނޭކަމަށެވެ. އަދި މުޅި މެނިފެސްޓޯ އެކުލަވާލެވިގެން ދިޔައީ ފުޅާ ދާއިރާއެއްގައި
މަޝްވަރާ ކުރެވި، އެންމެންގެ ލަފަޔާ އެކުގައި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، އެމްޑީޕީން އަބަދުވެސް އަންނަނީ
ސިޔާސަތުތަކާ އެކު ކަމަށާއި، އެމްޑީޕީއާ އެހެން ޕާޓީތަކާ ތަފާތުވަނީވެސް އެގޮތަށް
ކަމަށެވެ. އެގޮތުން އެމްޑީޕީން އަބަދުވެސް ކަމެއް ކުރުމުގެ ކުރިން ލިއެކިއުމަށް
އެކަމެއް ތިރިކޮށް ރައްޔިތުންނަށް ދައްކާކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޑީޕީއާ އެހެން ޕާޓީތަކާ ހުރި ތަފާތަކީ، އެމްޑީޕީން އަބަދުވެސް ލިއެކިއުމަށް އެއްޗެއް ތިރިކޮށްފައި މެނުވީ އެކަމެއް ނުކުރޭ، އަޅުގަނޑުމެން އަބަދުވެސް ބުނަމުން މި ދަނީ ޕޮލިސީތަކަކާ އެއްކޮށޭ އަޅުގަނޑުމެން މި އަންނަނީ، ހަމަ އައިސް ވައި އަނގަ ތަޅާފައި ދަނީއެއް ނޫން،މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
އާޒިމް އިތުރަށް ވިދާޅުވީ، މިއަދުގެ
ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފެންނަމުންދަނީ އެވަގުތަކު ހިތްޕުޅަށް އައި
އެއްޗެއް ވިދާޅުވެ އެ އެއްޗެއް ވައުދަކަށް ހައްދަވަމުންދާ މަންޒަރުކަމަށެވެ.
އެހެންނަމަވެސް ވައުދެއް ވުމުގެ ކުރިން އެއީ އަމަލީ
ގޮތުން ކުރެވިދާނެ ކަމެއްތޯ ބެލުމަކީވެސް އޮންނަ ކަމެއްކަމަށް އާޒިމް
ވިދާޅުވިއެވެ. އަދި ވިދާޅުވީ، ނުކުރެވޭ ވަރުގެ ކަންކަން ރައްޔިތުންނަށް ކޮށްދޭނެ
ކަމަށް ވިދާޅުވުމަކީ ވައުދެއް ނޫން ކަމަށާއި، އެއީ ކަނޑައެޅިގެން އިތުރުފުޅު
ހެއްދެވުން ކަމަށެވެ.
އާޒިމް ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓުން ތިބީ
ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް މެނިފެސްޓޯއަކާ އެކު އައިސް ކަމަށާއި،
އެމްޑީޕީން ވައުދު ފުއްދާނެ ކަމަށެވެ.