ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މެޖޯރިޓީ ބޮޑުތަނުން ކާމިޔާބުކޮށް، ރައްޔިތުން ބޭނުންވާ ތަރައްގީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި އެމްޑީޕީގެ ޓީމުން ނެރެދޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީން ކުރިއަށްގެންދާ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން މައްޗަންގޮޅި އުތުރު ދާއިރާގެ ދޮރުން ދޮރަށް ވަޑައިގެން ރާއްޖެޓީވީ އަށް ދެއްވި އިންޓަރވިއުގަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ، މާލެ ސިޓީ ކައުންސިލަށް އެމްޑީޕީން ހުށަހަޅާ މެނިފެސްޓޯ މިހާރު އިޢުލާންކޮށްފައިވާ ކަމަށާއި، އެ މެނިފެސްޓޯއަކީ ރައްޔިތުންނާ މަޝްވަރާކޮށްގެން އެކުލަވާލާފައިވާ މެނިފެސްޓޯއެއް ކަމަށެވެ. މީގެ ދެ ރޭ ކުރިން އިޢުލާންކުރި މި މެނިފެސްޓޯގައި މާލޭގެ ރައްޔިތުން ބޭނުންވާ ބަދަލުތަކާއި، މި ވަގުތުން ވަގުތަށް ކުރެވެން ހުރި މުހިންމު ކަންތައްތައް ހިމަނާފައިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް އަލިއަޅުއްވާ ލައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މިހާތަނަށް ކިތަންމެ ރަނގަޅު މަސައްކަތްތަކެއް ކުރަން އުޅުނު ނަމަވެސް، ކައުންސިލްގެ މެޖޯރިޓީ ނެތުމުގެ ސަބަބުން ގިނަ ކަންތައްތަކެއް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދައުރުގައި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމާއި އެ ޕާޓީގެ ޓީމު ގުޅިގެން މަސައްކަތްކޮށް، ރައްޔިތުން އެދޭ ނަތީޖާ ނެރެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދެން އޮތް ދައުރުގައި، ކައުންސިލްގެ ދައުރުގައި ރައްޔިތުން ބޭނުންވާ ބަދަލުތައް އާދަމް އާއި އަޅުގަނޑުމެންގެ ޓީމު އެކުގައި ގުޅިގެން މަސައްކަތްކޮށް، އެ ނަތީޖާ ނެރެދޭނެ. މިހާތަނަށް ވެފައި މި އޮތް ގޮތަކީ، ކިތަންމެ ރަނގަޅު މަސައްކަތްތަކެއް ކުރަން އުޅުނަސް ކައުންސިލުގެ މެޖޯރިޓީ ނެތީމާ އެ ކަންތައްތައް ކުރުމަށް ހުއްޓުމަކަށް އައިސްފައި މި އޮތީ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، މިހާރު އޮތް ސަރުކާރުގެ ސިޔާސަތުތަކާމެދު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ސަރުކާރުން ދައްކާ ވާހަކައާއި އަމަލާ ދިމާނުވާކަން ރައްޔިތުންނަށް މިހާރު ސާފުވަމުންދާ ކަމަށާއި، އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ރައްޔިތުން އެކަމަށް ވިސްނައި އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތެއް ދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީން އަންނަނީ މާލެ ސިޓީގެ މޭޔަރު ކަމަށާއި ކައުންސިލްގެ ގޮނޑިތަކަށް އަމާޒުކޮށްގެން ވަރުގަދަ ކެމްޕޭނެއް ކުރިއަށްގެންދަމުންނެވެ. މި އިންތިޚާބަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ވަޒަންކޮށްލުމަށް ލިބޭ މުހިންމު ފުރުސަތެއްގެ ގޮތުގައި ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.