ޔަހޫދީންނައި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާގެ ދިފާއުގައި އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ފަލަސްތީނުގެ ރައްޔިތުން މަރާ ނަސްލުނައްތާލަމުން ދިޔަ ޔާހޫދީ ދައުލަތް އިސްރާއިލަށް ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ. 

ނިރުބަވެރި އިސްރާއިލާއި އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށީ މިދިޔަ ފެބްރުއަރީ މަސް ނިމުނުތަނާހެންނެވެ. އަދި މި ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއިއާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އާއިލާގެ އެތައް މެންބަރުންނެއް ވަނީ ޝަހީދު ކޮށްލާފަ އެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން މި ހަމަލާ އެއިރު ކުށްވެރި ނުކުރެ އެވެ. އަދި އެކަން ކުށްވެރި ކުރާނެތޯ ސުވާލު ކުރުމުން އެކަމަށް ރައީސް މުއިއްޒު ޖަވާބެއް ނުދެއްވަ އެވެ. 

ނަމަވެސް ކުއްލި ގޮތަށް އަންގާރަ ދުވަހު ރައީސް މުއިއްޒުގެ ސަރުކާރުން ނެރުނު ދެފުށްދެގޮތް ބަޔާނެއްގައި ބުނެފައިވަނީ ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)، ގަތަރު، ކުވެއިތު، ބަހްރޭން އަދި އިސްލާމީ އުޚުއްވަތްތެރި އެހެން ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. 

މި ބަޔާނުގައި ގަލްފް ސަރަހައްދުގެ އެއާޕޯޓްތަކާއި ތެޔޮ އުފައްދާ މަރުކަޒުތައް ހިމެނޭހެން، އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ މެދު ދިވެހި ސަރުކާރުން ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްކަން ސަރުކާރުން ފާހަގަކުރެ އެވެ. މީގެ އިތުރުން، ގަލްފުގެ ގައުމުތަކުން އެއްވެސް ރައްދު ހަމަލާއެއް ދީފައި ނުވަނީސް، އީރާނުން އެ ގައުމުތަކަށް ހަމަލާދެމުންދާތީ އެކަމާ ހިތާމަކުރާ ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނަށް އަމާޒުކޮށް ދޭން ފެށި އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ، އެކަމާ މެދު އޮތް ފުން ކަންބޮޑުވުން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. ސަތޭކައަށްވުރެ ގިނަ އާންމުން މަރުވި އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާއާއި، ހޮސްޕިޓަލްތަކާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހަމަލާތައް ހިމެނޭހެން، އިސްރާއީލާއި އެމެރިކާއިން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރެ އެވެ.

މި އަމަލުތަކުގެ ސަބަބުން ގަލްފް ސަރަހައްދުގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވާކަން ދިވެހި ސަރުކާރުން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރެ އެވެ. އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅެމުންދާތީ، ހުރިހާ ފަރާތްތަކަކުންވެސް ވަގުތުން ހަމަލާތައް ހުއްޓާލުމަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ.

މެދުއިރުމަތީގެ ސަރަހައްދަށް ސުލްހަ މަސަލަސްކަމާއި، ހަމަޖެހުމާއި، ރައްކާތެރިކަން ގެނައުމަށްޓަކައި ކުރާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ މި ބަޔާނުގައި އީރާނުގެ ހަމަލާތަކުގެ ވާހަކަ ފުރަތަމަ ގެނެސްފައިވާއިރު، އަދި އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދިންކަމަށް ބުނެފައިވާއިރު، އިރާނުން ވަނީ ގަލްފުގެ ގައުމުތަކުގެ ތެރެއިން ހަމަލާތައް އަމާޒުކުރީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމްކޮށްފައި ހުރި ތަންތަނަށެވެ. އަދި މިކަން ބައިނަލްއަގުވާމީ މީޑިއާތަކުގައާއި، އިރާނުގެ ސަރުކާރު ވެސް ވަނީ ހާމަކޮށްފަ އެވެ.