ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް އިދިކޮޅު އެމްޑީޕީން މާލޭގެ އެކި ސަރަހައްދުތަކުގައި އެތައް ހާސް ލީފްލެޓެއް ބަހައިފި އެވެ.
މި ހަރަކާތަކީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް އެ ޕާޓީން ހިންގާ ހަރަކާތެކެވެ.
މި ލީފްލެޓްތައް އަންގާރަ ދުވަހު ބަހާފައިވަނީ އެމްޑީޕީން ކުރިއަށްގެންދާ "އިންތިހާބު އެއްކުރަން ނޫނެކޭ" ޕިކަޕް ޖަލްސާގެ ތެރެއިން މާލޭގެ ދެ ސަރަހައްދެއްގަ އެވެ. އެގޮތުން ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދާއި ދަތުރުވެރިންގެ މާރުކޭޓް ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އާންމު ރައްޔިތުންނަށް އެމްޑީޕީގެ ޓީމުތަކުން ވަނީ މި ލީފްލެޓްތައް ފޯރުކޮށްދީފަ އެވެ.
އެމްޑީޕީން ބުނި ގޮތުގައި މި ލީފްލެޓްތައް ބެހުމުގެ މައިގަނޑު މަގްސަދަކީ، ސަރުކާރުން ހީލަތްތެރިކަމާއެކު ދެ އިންތިހާބު އެއްކޮށްލަން އުޅޭ ސަބަބާއި، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމެވެ. އަދި މި ވޯޓުގައި ރައްޔިތުން "ނޫނެކޭ" ބުނަންޖެހޭ ސަބަބުތައް ވެސް މި ލީފްލެޓުގައި ތަފްސީލުކޮށްދީފައިވެ އެވެ.
މީގެ އިތުރުން، ވޯޓުލާ ދުވަހު އާންމުންނަށް ފަސޭހަކުރުމުގެ ގޮތުން ވޯޓު ކަރުދާސް އޮންނާނެ ގޮތުގެ މިސާލެއް ވެސް މި ލީފްލެޓުގައި ހިމަނާފައިވެ އެވެ. އެގޮތުން ކަރުދާހުގައި ފާހަގަ ޖަހަންޖެހޭ ގޮތާއި، ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެ ގޮތުގެ އިރުޝާދުތައްވެސް ވަނީ ހިމަނާފަ އެވެ.
މިއީ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން ފަށާފައިވާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ. އެ ޕާޓީން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އާންމުން ހޭލުންތެރިކުރުވުމުގެ އިތުރު ހަރަކާތްތައް މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.