މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ. 

ފުލުހުން ބުނީ އެކަން އެ ކޮމިޝަނުން ފުލުހުންގެ ޚިދުމަތަަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ދީފައި ވެ އެވެ. 

ފުލުހުން ބުނީ މި ތުހުމަތާ ގުޅިގެން ފުލުހުން ވެސް އިސްވެ ކަންކަން ބަލާފައިވާ ކަމަށެވެ. އަދި މި ތުހުމަތުތަކާ ގުޅިގެން ބެލިބެލުމުން، އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ވެސް، އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ ޚިދުމަތުން ބުނެފައި ވަނީ ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް، އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާކަމާއި، ޑޮކްޓަރަށް ދެއްކުމަށް އެދިފައި ވެސް ނުވާ ކަމަށެވެ. 

ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރާ މީހާ އަކީ މިދިޔަ މަހުގެ ފަހުކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދެ ދޯންޏެއް ބަލައި ފާސްކޮށް، 3 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް މައްސަލަ އެއްގައި ހައްޔަރުކުރި ބަންގްލަދޭޝް އަށް ނިސްބަތް ވާ އުމުރުން 36 އަހަރުގެ ހަނީފް އެވެ.

އޭނާ ގެ މައްޗަށް ކުރެވެނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތެވެ. 

އެ މައްސަލައިގައި އޭނާ ގެ ބަންދަށް އިތުރު 30 ދުވަސް ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ޖަހާފައި ވާއިރު ކޯޓު އަމުރުގައި ވާ ގޮތުން އޭނާ ގެ ފަރާތުން ވަނީ، ފުލުހުން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ އެޗްއާރްސީއެމް އަށް ހުށަހަޅާފަ އެވެ.