ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީ ކެންޑިޑޭޓުން ހޮވައިފި ނަމަ އެމީހުން ގަލަން ހިއްލާލާނީ ވެސް ރައީސް އޮފީހުގެ ހުއްދަ ލިބިގެން ނުވަތަ އެ އޮފީހުން އަންގައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން ޔައުގޫބް ވިދާޅުވީ މިހާރު މި ސަރުކާރު ކަންކުރާ އުސޫލަށް ބަލާއިރު ސަރުކާރު ނޫން ޕާޓީ އެއްގެ ކައުންސިލެއް ހޮވަން ނުވަތަ ސަރުކާރަށް ތާއީދު ނުކުރާ ބަޔަކު އެރަށެއްގެ ކައުންސިލަށް ހޮވަން ރާއްޖޭގެ ރައްޔިތުންނަށް ކޮންމެހެން ވެސް މަޖުބޫރުވާ ކަމަށެވެ. 

ސަބަބަކީ ސަރުކާރު ނިސްބަތްވާ ޕީއެންސީ ގެ ކައުންސިލެއް އެ ރަށަކަށް އައިސްފި ކަމަށް ވާނަމަ އެމީހުން ގަލަން ހިއްލާލާނީ ވެސް ރައީސް އޮފީހުން އެންގީމަ. އެންމެ ކަމެއް ވެސް ނުކުރާނެ ރައީސް އޮފީހުގެ އެންގުމާ ޚިލާފަށް. އެމީހުންނަށް ނުވެސް ކެރޭނެ.
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

ޔައުގޫބް ވިދާޅުވީ ޕީއެންސީ ކައުންސިލެއް ހޮވައިފި ނަމަ އެމީހުން ބޭނުންވިޔަސް ރައްޔިތުންނަށް ކަމެއް ނުކޮށްދެވޭނެ ކަމަށެވެ. ސަބަބަކީ ސަރުކާރުން އެމީހުންގެ މައްޗަށް ނުފޫޒާއި ބާރު ފޯރުވާ މިންވަރު ކަމަށާ މިހާރު ވެސް ސަރުކާރަށް ނިސްބަތްވާ އެކި މެންބަރުންނާ މަގާމުތަކުގައި ތިއްބަވާ މެންބަރުންނަށް ބަލާލުމުން ފެންނަނީ އެ މަންޒަރު ކަމަށެވެ. 

ޔައުގޫބް ވިދާޅުވީ އެހެންކަމުން އެ މެންބަރުން އަދި ކިތަންމެ ބޭނުން ވިޔަސް ރަށަށް ކަމެއް ނުކޮށްދެވޭނެ ކަމަށެވެ. ކިރިޔާ ވެސް އުއްމީދެއް އޮތީ އެމްޑީޕީ އަށް ނިސްބަތް ވާ ކައުންސިލްތަކެއް އިންތިޚާބު ކޮށްގެން ކަމަށާއި ރައްޔިތުންނަށް މަންފާ ވާނީ ވެސް އަދި ރަށަށް ތަރައްގީ ގެނެވޭނީ ވެސް އޭރުން ކަމަށް ޔައުގޫބް ތަކުރާރު ކޮށް ވިދާޅުވި އެވެ.