ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު
އެއްކުރުމުގެ މަސައްކަތް ޕީއެންސީން ކުރާނެ ކަމަށާއި، ރައްޔިތުންގެ ފުރިހަމަ
ތާއީދާއެކު އެކަން ފާސްވެސް ކުރާނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ
ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު އެހެން ވިދާޅުވީ އެންމެ ފަހުން ބޭއްވި
މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފަލާހު ވިދާޅުވީ، މި ޤައުމުގެ ރައްޔިތުން
ބޭނުންވަނީ ޤައުމަށް ހަމަޖެހުން ގެނައުމަށް ކަމަށާއި، ދެ އިންތިޚާބު އެއްކޮށްލުން
މުހިއްމު ކަމަށެވެ. އަދި ވިދާޅުވީ، ޕީއެންސީން އެކަން ކުރާނެ ކަމަށާއި، ދިވެހި
ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު އެކަން ފާސްވެސް ކުރާނެ ކަމަށެވެ.

ޕީއެންސީން އެކަން ކުރާނެ އިއްޒަތްތެރި ރައީސް އިރާދުކުރެއްވިއްޔާ، ޕީއެންސީން އެކަން ކުރާނެ ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު އެކަން ފާސްވެސް ކުރާނެ،
ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު

ފަލާޙު ވިދާޅުވީ، އިންތިޚާބުތައް
އެއްކޮށްލުމުގެ ވާހަކައަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުވެސް ދައްކަވާފައިވާ
ވާހަކައެއް ކަމަށާއި، އޭރު އެކަން ނުކޮށް އޮތީ އެމްޑީޕީއަށް ކާމިޔާބު ނުވާނެކަން
އެނގޭތީކަމަށެވެ.

މީގެ އިތުރުން، އެމްޑީޕީއަށް ނިސްބަތްވާ
މަޖިލިސް މެމްބަރުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަވަނީ 6 މަސް ދުވަހުގެ މުސާރަ ގެއްލޭތީ
ކަމަށާއި، އެއީ އެހާ ބޮޑު ކަމެއް ނޫންކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

މިބޭފުޅުން މި އުޅެނީ ހަމަސް ދުވަހުގެ މުސާރަ ގެއްލޭތީއޭ، މި ކަމުނުދާތީއެއް ނޫން އެ އުޅެނީ، މިހާރު އަޅުގަނޑު ދަންނަވައިފިން ހަމަސް ދުވަހުގެ މުސާރަ ގެއްލުން އެއީ އެހާ ބޮޑު ކަމަކަށް ނުހަދާށޭ.
ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު
އެއްކޮށްލައިފިނަމަ މިހާރު ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވާފައިވާ
މެމްބަރުންގެ ދައުރުން 6 މަސް ދުވަސް އުނިވެގެންދާނެއެވެ. އަދި އެއީ ރައްޔިތުންނަށް
ވެވޭ ބޭއިންސާފެއްކަމަށް އެތައް ބަޔަކު ގެންދަނީ ބުނަމުންނެވެ.