ކޮވިޑް 19 ގެ އުނދަގޫ ޙާލަތުގައިވެސް އޭރުގައި އޮތް
ސަރުކާރުން ދައުލަތުގެ މާލީ އަދި އިޤްތިސާދީ ހާލަތު ރައްޔިތުންނަށް ސާފުކޮށްދެމުން
ގޮސްފައިވާ ކަމަށާއި، ނަމަވެސް މިއަދު މާލީ ވަޒީރު ވީ ތަނެއްވެސް ރައްޔިތުންނަށް
ނޭނގޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.
އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝަމްހީދު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ
ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ޝަމްހީދު ވިދާޅުވީ، މެދުއިރުމަތީގައި ހަނގުރާމައެއް
ހިނގަމުންދާއިރު، އެ ހަނގުރާމައިގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށެވެ. ވަކިން
ޚާއްސަކޮށް ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ ރާއްޖޭގެ މާލީ އަދި އިޤްތިސާދީ
ކަންކަމަށް އެކަމުގެ އަސަރު ކުރާނެކަން ޝަމްހީދު ފާހަގަ ކުރެއްވިއެވެ.

ކަން އެހެން އޮތްނަމަވެސް، މިއަދު ދައުލަތުގެ މާލީ
ވަޒީރު ހުންނެވީ ފިއްލަވައިގެން ކަމަށާއި، އަދި މިކަންކަމާ ގުޅޭގޮތުން މާލީ ވަޒީރު
އެއްޗެއް ވިދާޅުވާތަނެއް ނުފެންނަކަމަށް ޝަމްހީދު ވިދާޅުވިއެވެ.

މީގައި އެންމެ މުހިއްމު އެއް ބޭފުޅާ އަޅުގަނޑުމެންނަށް އަދި ޕޯޑިއަމްއަކުން ނުފެނޭ، އެއީ ފިނޭންސް މިނިސްޓަރު، އެބޭފުޅާ އަދި އަޅުގަނޑުމެންނަށް މިއަށް އެޑްރެސް ކުރާތަނެއް ނުފެނޭ، ވެދާނެ ހަމަ ބުނާނެ އެއްޗެއް ނޭނގޭތީ ފިއްލަވައިގެން ހުންނެވީކަމަށްވެސް
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ޝަމްހީދު އިތުރަށް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ
ވެރިކަމުގައި ކޮވިޑް 19 ގެ ދަތި އުނދަގޫ ޙާލަތާ ބައްދަލުކުރަން ޖެހުނު ކަމަށާއި،
އޭރުވެސް ސަރުކާރުން ދައުލަތުގެ މާލީ އަދި އިޤްތިސާދީ ހާލަތު ރައްޔިތުންނަށް
ސާފުކޮށްދެމުން ގޮސްފައިވާ ކަމަށެވެ. އަދި ޤައުމު އޮތް ޙާލަތު އޭރު ރައްޔިތުންނަށް
ސާފުކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ދިވެހި ރައްޔިތުންވެސް ފުންކޮށް ވިސްނަންޖެހޭ
ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިކަންކަމުން އެނގިގެންދަނީ ދެ ސަރުކާރަކުން
ކަންކަން މެނޭޖް ކުރުމުގައި ހުރި ތަފާތުކަން ކަމަށެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ރާއްޖޭގައި
ވިއްކާ ޑީސަލާއި ޕެޓްރޯލުގެ އަގު ބޮޑު ކޮށްފައި ވަނީ އަގު ބޮޑު ކުރަން ޖެހޭ ހާލަތު
ކުރިމަތިވެގެން ނޫން ކަމަށް އިދިކޮޅުން ވެސް ވަނީ ބުނެފަ އެވެ. އަދި މިސަރުކާރުގެ
އިކޮނޮމިކް މިނިސްޓަރު ސައީދު ވެސް ތެލުގެ އައު ޝިޕްމަންޓެއް މިހާރުވެސް
ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށާއި، މުދާ އުފުލާ ރޫޓުތަކަށް އެއްވެސް ހުރަހެއް
ނެތް ކަމަށް ވިދާޅުވެފައިވާއިރު، އަގު ބޮޑު ކުރުން ބަލައި ނުގަނެވޭ ކަމަށް އާންމު
ރައްޔިތުން ވެސް ދަނީ ބުނަމުންނެވެ.