ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް ސާބިތުވެ، ބަންގްލަދޭޝްގެ ރައްޔިތަކު އުމުރު ދުވަހަށް ޖަލަށްލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި ހުކުމް އިއްވީ ލެޕްޓޮޕް ދަބަހެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރި މައްސަލައިގައި ދައުވާ ސާބިތުވުމުންނެވެ.

މި މައްސަލައަކީ 2024 ވަނަ އަހަރު ޔޫއެސް ބަންގްލާ ފްލައިޓުން ރާއްޖެއަށް އައި އެމްޑީ ސޮހަބް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކު، ގެނައި ލެޕްޓޮޕް ދަބަހެއްގެ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެކެވެ. އޭނާ ރާއްޖެ އަށް އައި ވަގުތު ކަސްޓަމްސް އިން އޭނާގެ ތަކެތި ފާސްކުރިއިރު، ދަބަހުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާތީ، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް މައްސަލަ ތަހުގީގުކޮށްފަ އެވެ.

މި މައްސަލައިގައި ދައުލަތުން އެމްޑީ ސޮހަބްގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެ އަށް އެތެރެކުރުމުގެ ދައުވާ އެވެ. 

ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލިސްތަކަށްފަހު އިއްވި ހުކުމުގައި ބުނެފައިވަނީ، ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށެވެ. ކޯޓުން ވަނީ މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކާއި ހެކިންގެ ބަސްތަކަށް ބަލައި، ދައުވާ ސާބިތުވާކަން ކަށަވަރުކޮށްފަ އެވެ.

އެހެންކަމުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އަދަބެއްގެ ގޮތުން އެމްޑީ ސޮހަބް އުމުރު ދުވަހަށް، އެއީ 25 އަހަރަށް ޖަލަށްލުމަށާއި، 100،000 ރުފިޔާއި ން ޖޫރިމަނާކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. މި ޖޫރިމަނާގެ ފައިސާ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދައްކައި ޚަލާސްކުރުމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.