އާޒިމު މޭޔަރ ކަމަށް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރާނެ ކަމަށް މާލޭގެ މޭޔަރ އަދި އެމްޑީޕީގެ މޭޔަރ ކެނޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީ މާލޭގެ މެނިފެސްޓޯ ހާމަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ހުޅުމާލޭގައި ކުރީ ޒަމާނުއްސުރެ ހެދިފައި ހުރި ފްލެޓްތަކުގައި ލިފްޓެއް ނެތުމުގެ ސަބަބުން ވެސް އެތައް ދަތިތަކަކާއި އުމުރުން ދުވަސް ވީ ފަރާތްތަކަށް ކުރިމަތި ލާން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ. 

"އެތަންތަން ވެސް ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކޮށް އެ އިންތިޒާމްތައް ރަނގަޅުކުރާނަން. މިކަން ރަނގަޅު ކުރެވޭނީ ހުޅުމާލެ މުނިސިޕަލް ސިސްޓަމް މިތަނަށް ގެނެވިގެން." އާޒިމް ވިދާޅުވި އެވެ.

މިހާރު އުމުރުން ދުވަސްވީ މީހުންނަށް ގެއިން ބޭރަށް ނުދެވިފައި މަސް ދެ މަސް ދުވަސް ވެސް ތިބެން ޖެހޭ ކަަމަށް ފާހަގަކުރައްވައި އާޒިމް ވަނީ އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޕީއެންސީ އަށް ވޯޓު ދީފި ނަމަ އާސަންދައިގެ ޚިދުމަތް ވެސް ކުރިއަށް އޮތްތަނުގައި ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޕީއެންސީ އަށް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ އެކަން ސަރުކާރުން ބަލައިގަންނާނީ ރައްޔިތުންގެ ރުހުން ސަރުކާރަށް ދައްކުވައިދޭ ކަމެއްގެ ގޮތުގައި ކަމަށް އާޒިމް ވިދާޅުވި އެވެ.

"މިއޮތީ ސަރުކާރާއި މެދު ނުރުހުން ދައްކަން ލިބޭ ފުރުސަތު. މި ފުރުސަތުގެ ބޭނުން ރަނގަޅަށް ކުރަން ވާނެ." އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލް އަކީ އިތުބާރު ގެއްލިފައިވާ ކައުންސިލެއްގެ ގޮތުގައި ކުރިން ވަަރަށް ބޮޑަށް ނަން ވެފައި އޮތް ތަނެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. އެފަދަ ވަގުތެއްގައި ކައުންސިލާއި ހަވާލުވެ ކުރި މަސައްކަތުން މިއަދު އެ އަޑު ކަނޑުވާލެވިފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. މާލެ ސިޓީ ކައުންސިލްގެ އެތެރޭގެ ހިންގުން ވަރުގަދަކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މިނިވަން އޮޑިޓަރަކު ލައްވައި މާލޭ ސިޓީ ކައުންސިލް އޮޑިޓްކޮށް އެ މައުލޫމާތު އާއްމުކުރަން ފަށާފައިވާ ކަން އާޒިމް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް މާލޭ ސިޓީގެ ބިމުގެ މައުލޫމާތު ވެސް ހާމަ ކުރީ މިހާރު އޮތް ސިޓީ ކައުންސިލުން ކަން އާޒިމް ފާހަގަކުރެއްވި އެވެ.