ދިގު ތާރީޚެއް އޮންނަ މިސްކިތްތައް އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅައި، އެތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ޒަމާންވީ މިސްކިތްތަކަކީ ކާބަފައިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން ފެންނަން ހުރި ބިނާތަކެއްކަން ފާހަގަކުރައްވައި، އެފަދަ ތަންތަން ހިމާޔަތްކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން ޒާހިރު ވަނީ މީސްމީޑިއާގައި ޝުއޫރު ފާޅުކުރައްވާފަ އެވެ.
ބަންޑާރަ މިސްކިތް ތަޅާލުމާ ގުޅޭގޮތުން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޒާހިރު ވިދާޅުވީ، ޒަމާންވީ މިސްކިތްތަކުން ކާބަފައިންގެ ހިތްތަކުގައި މިސްކިތްތަކަށް ދެވިފައިވާ ގަދަރާއި ލޯބި ވަރަށް ފުރިހަމައަށް ސިފަވާ ކަމަށެވެ. ބަންޑާރަ މިސްކިތަކީ އެ މިސްކިތާ ގުޅިފައިވާ ގިނަ ހަނދާންތަކަކާއި ދިގު ތާރީޚެއް އޮތް ތަނެއްކަން ފާހަގަކުރައްވަމުން ޒާހިރު ވިދާޅުވީ، އެ މިސްކިތަށް ނަމާދަށް އަރާ ފަރާތްތަކަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި، ދައުލަތުން އެކަމާ މެދު ވިސްނައި ފިކުރު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އެފަދަ ބިނާތައް ނައްތާލުމުގެ ބަދަލުގައި އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅައި ބަލަހައްޓަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންޑަރާ މިސްކިތުގެ ކުރީގެ ފޮޓޯ އެއް: 100 އަހަރު ވާން ކައިރި ވެފައިވާ މި މިސްކިތަކީ ތާރީހީ ތަރިކަ އެއްގެ ގޮތުގަ ރާއްޖޭގެ ތާރީހު ދިރާސާ ކުރާ ގިނަ ބަޔަކު ފާހަގަކުރޭ
އިސްލާމީ ތާރީޚުން މިސާލު ދައްކަވަމުން ޒާހިރު ވިދާޅުވީ، އެކި ޒަމާންތަކުގައި ދެ ހަރަމްފުޅަށް ކޮށްދީފައިވާ ޚިދުމަތްތައް ފެންނަން ހުރީ ކުރީގެ ބައިތައް އުނިނުކޮށް، އެ ބައިތައް އެނގޭނެހެން ބަހައްޓައިގެން ކަމަށެވެ. ވަކިން ޚާއްސަކޮށް މަސްޖިދުއް ނަބަވީގައި އުމަވީންނާއި، އައްބާސީންނާއި، އުޘްމާނީ ޚިލާފަތާއި ސައުދީ ސަރުކާރުގެ ރަސްރަސްކަލުން ކޮށްދެއްވާފައިވާ ޚިދުމަތްތައް، އެތަނުގެ ތަނބުތަކާއި ކުރެހުންތަކުން މިއަދުވެސް ސާފުކޮށް ފެންނަން ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
ބަންޑާރަ މިސްކިތުގެ މައްސަލަ ހޫނުވެފައިވަނީ، އެ މިސްކިތް ތަޅާލައި އައު ބޮޑު މިސްކިތެއް ބިނާކުރަން ނިންމާފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ. މި ނިންމުމާ ދެކޮޅަށް ތާރީޚު ދިރާސާކުރައްވާ ބޭފުޅުންނާއި، ކުރީގެ ވަޒީރުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ. ބަންޑާރަ މިސްކިތަކީ މާލޭގެ ތާރީޚާ ގުޅިފައިވާ މުހިއްމު ބިނާއެއް ކަމަށް ބުނެ، އެތަން ނައްތާލުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.
ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން، މިނިސްޓަރު ޝަހީމް ފަހުން ވިދާޅުވެފައިވަނީ މިކަމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދަވައި މަޝްވަރާ ކުރައްވާނެ ކަމަށެވެ. ސަރުކާރުގެ އެކްޓިވިސްޓުން މި ނިންމުން ދިފާއު ކުރަމުންދާއިރު، ބަންޑާރަ މިސްކިތް ތާރީޚީ ތަނެއްގެ ގޮތުގައި ހިމާޔަތް ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ އީ-ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. މި މައްސަލައިގައި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާކަން ފާހަގަކުރެވެ އެވެ.
ދިވެހިރާއްޖޭގެ ތަރިކައާ ބެހޭ ގާނޫނުގެ ދަށުން ވެސް ބަންޑާރަ މިސްކިތް އާސާރީ ބިނާ އެއްގެ ގޮތުގައި ކަނޑައެޅުމަށް އެއްވެސް ހުރަހެއް ނެތެވެ.