ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި ކަރެކްޝަންގެ މުސާރަ އަދި ވެސް ބޮޑު ނުވާކަން ހާމަވެއްޖެ އެވެ. 

ސަރުކާރުން މިދިޔަ ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި މުސާރަ ބޮޑުނުވުމުން އެކަމުގެ ކަނބޮޑުވުން ފާޅުކޮށް ކަރެކްޝަންގެ ގިނަ އޮފިސަރުންގެ ސޮޔާ އެކު ނިމިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޕެޓިޝަނެއް ރައީސް އޮފީހަށް ވަނީ ހުށަހަޅާފަ އެވެ. ހޯމް މިނިސްޓަރ އަލީ އިހްސާން ކަރެކްޝަން އޮފިސަރުންގެ މުސާރަ ޖެނުއަރީ މަހުގެ މުސާރަޔާއި އެކު ބޮޑުވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ވީ ނަމަވެސް އެކަން އެގޮތަށް ނުހިނގާތީ ކަރެކްޝަންގެ މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އެގޮތުން ކަރެކްޝަންގެ އޮފިސަރަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނީ، މުސާރަ ބޮޑުވާނެ ކަމަށް ވިދާޅުވެ އެކަން އޮގޮތަށް ނުވުމުން މުވައްޒަފުން ސުވާލުކުރަމުންދާ ކަަމަށެވެ. ކަރެކްޝަންސްގެ ކޮމިޝަނަރ އާއި ޑެޕިއުޓީ ކޮމިޝަނަރގެ އިތުރުން ހޯމް މިނިސްޓަރާއި ހަމައަށް ވެސް ކަންބޮޑުވުންތައް ގެންދެވިފައިވީ ނަމަވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.  

"ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ އުޅުއްވަނީ ފިއްލަވައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެ. ޖަވާބެއް ނުދެއްވާ. އުޅުއްވަނީ ދުރުން ދުރުން. މީގެ އިތުރުން ވަޒީރާއި ވެސް މިކަމާއި މެދު ބައްދަލުކުރަން މުވައްޒަފުން އެދުމުން ވެސް އިޖާބަ އެއް ނުދެއްވާ." އޭނާ ބުންޏެވެ.

 މިދިޔަ އަަހަރު ގެ ނޮވެމްބަރު މަހު، ޕްރިޒަންސް އޮފިސަރުން ގެ ކަންބޮޑުވުންތައް ސަރުކާރުން އަޑު ނާހާތީ އެކަން މީޑީއާ އަށް ތިލަވުމުން އެކަން ހައްލުކުރުމަށް ވަޒީރު އިހުސާން ވަނީ ކަރެކްޝަންސް ގެ އޮފިސަރުންނާއި އެކު ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. ތަފާތު އެކި ސަބަބުތަކާއި ހުރެ، ސަރުކާރަށް ޕްރެޝަރ ބޮޑުވެފައި ވަނިކޮށް އެ އޮފިސަރުންނާއި ބައްދަލުކުރައްވައި އިހުސާން ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގަންނަވާފަ އެވެ.

އޭރު އޮފިސަރުންނާއި ބައްދަލުކުރައްވައި އިހުސާން ވިދާޅުވީ މި އަހަރުގެ ފެބްރުއަރީ ގެ ނިޔަލަށް ކަރެކްޝަންސް ގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް އެއް ހަމަ ކުރުމު ގެ ސިޔާސަތު ގެ ދަށުން ބޮޑު މުސާރަ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި މެޑިކަލް ސްކީމަށް ބަދަލު ގެނެސް މައިންބަފައިންނާއި އާއިލާގެ އިތުރު ބައެއް ފަރާތްތަކަށް މެޑިކަލް ސްކީމް ގެ ދަށުން ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސައި ދޭނެ ކަަމަށް ވިދާޅުވި އެވެ. 

ރާއްޖެ އެމްވީ އާއި ވާހަކަދެއްކި މުވައްޒަފުން ވަނީ ކަރެކްޝަންސްގެ މުވައްޒަފުންނަށް މި ކަމުގައި ވާ ނުވާ ނޭނގޭ ކަމަށް ބުނެ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ޖަވާބުދާރީ ވާނެ މީހަކު ނެތުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެ އެވެ.