ފަހަކަށް
އައިސް ފޭސްބުކްގައި ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި މަކަރާ
ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް
ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ
ސައިބަރ ކްރައިމް ސެންޓަރުން ބުނީ، އެފަދަ މައްސަލަތައް ފަހަކަށް އައިސް ވަރަށް ބޮޑަށް
އިތުރުވެފައިވާ ކަމަށާއި، އެފަދަ ގިނަ ޕޯސްޓްތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް
ހިންގާ ސްކޭމްތަކެއް ކަމަށެވެ.
މިފަދަ
ސްކޭމްތައް ހިންގާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި އިންޓަނެޓުންނާއި
ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުން ބަލިމީހުންގެ ފޮޓޯ ނަގައިގެން ބޭނުންކުރުން
ހިމެނޭކަމަށް އެ ސެންޓަރުން ފާހަގަކޮށްފައިވެ އެވެ.
މީގެ
އިތުރުންވެސް ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ
ހޯދުމާއި، ޕޯސްޓްގައިވާ ނަންބަރަށް ގުޅުމުން ފޯނު ނުނެގުން ނަމަވެސް މެސެޖަށް ޖަވާބުދިނުން
ފަދަ އުކުޅުތައް ބޭނުންކުރާކަމަށް ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން
އެ ކަންކަމަށް ސަމާލުވުމަށް ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން
އެދިފައިވެ އެވެ. އެގޮތުން ފައިސާ ފޮނުވުމުގެ ކުރިން މައުލޫމާތު ކަށަވަރުކޮށް
ޔަޤީން ކުރުމާއި، "ގޫގަލް ރިވަރސް އިމޭޖް" ބޭނުންކޮށްގެން އެ ފޮޓޯއަކީ
ސައްޙަ ފޮޓޯއެއްކަން ކަށަވަރު ކުރުމުގެ އިތުރުން، ޔަގީންނުވާ ޕޯސްޓްތައް ޝެއަރ ކުރުމުން
ދުރުހެލިވުމަށް ފުލުހުން އެދިފައިވެ އެވެ.
ފުލުހުންގެ
ތަފާސްހިސާބުން ދައްކާގޮތުގައި އެންމެ ގިނަ ސްކޭމްތައް ހިންގާފައިވަނީ
އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. އެހެންކަމުން އެ ކަންކަން ރިޕޯޓު ކުރެވޭނެ ފަސޭހަ ނިޒާމެއް ޤާއިމު
ކުރުމުގެ ގޮތުން ފުލުހުން އެންޓި ސްކޭމް ސެންޓަރު ގާއިމްކޮށް، ރިޕޯޓު ކުރާ
ނަންބަރަކަށް 125 ވަނީ ހަމަޖައްސާފަ އެވެ.