މުހިއްމު ޤައުމީ މައްސަލަތައް ހުއްޓައި އެ
މައްސަލަތައް އެއްފަރާތުގައި ބަހައްޓާފައި ދެ އިންތިޚާބު އެއްކޮށްލަން މުހިއްމުވީ
ސަބަބު ބުނެ ނުދެވޭނަމަ، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުނަން ދަތިވާނެކަމަށް
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.  

ދެ އިންތިޚާބު އެއްކޮށްލައި ރައްޔިތުންގެ ހިޔާލު
ހޯދުމުގެ ވޯޓެއް ކުރިއަށް އޮތް ކައުންސިލް އިންތިހާބާ އެކު ނެގުމަށް ސަރުކާރުން
ނިންމާފައިވާއިރު، އެކަމާ ދެކޮޅަށް ވަނީ ކެމްޕޭނެއް ފަށާފަ އެވެ. އެ ކެމްޕޭނުގެ
މައުލޫމާތު ހިއްސާކުރާ އެކްސް އެކައުންޓުން ވަނީ ސުއޫދުގެ ވީޑިއޯ މެސެޖެއް ހިއްސާކޮށްފަ އެވެ.

އެ ވީޑިއޯ މެސެޖުގައި ސުއޫދު ވަނީ ފެންނަ ނުފެންނަ
ވޯޓު ނަގަނީ ހެޔޮ ނިޔަތުގައިތޯ ސުވާލު އުފައްދަވާފަ އެވެ. އަދި މިފަދަ ބަދަލެއް
ގެންނައިރު އެކަމުގެ ދެކޮޅުބަލައި ސަރުކާރުން ވަޒަން ކުރަން ޖެހޭ ކަންކަން ވަޒަން
ކޮށްފައިވޭތޯވެސް ސުއޫދު ސުވާލު އުފައްދަވާފައިވެ އެވެ.

ސުއޫދު ވިދާޅުވީ، ދައުލަތް ހިންގުން ހަރުދަނާ
ކުރުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އަދި
ޤާނޫނުއަސާސީ އަށް ގެންނަންޖެހޭ ބައިވަރު ބަދަލުތައްވެސް އެބަހުރިކަން ފާހަގަ
ކުރައްވައި ސުއޫދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ
5 އަހަރަކުން އިތުރުވަމުން ދިއުން ޤާނޫނުއަސާސީ މެދުވެރިކޮށް ހުއްޓުވުން މުހިއްމު ކަމަށް
ރައްޔިތުން ޤަބޫލު ކުރާ ކަމަށެވެ.

މީގެ އިތުރުން، ޖޭއެސްސީއަށް ސިޔާސީ ނުފޫޒު
ފޯރުވުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް ރައްޔިތުން ޤަބޫލު
ކުރާކަން ސުއޫދު ފާހަގަ ކުރެއްވި އެވެ. އެއީ ސިޔާސީ ހުރިހާ ފަރާތްތަކުންވެސް
އަބަދުވެސް އިއްތިފާޤުވަމުން އަންނަ ކަމެއްކަމަށް ސުއޫދު ވިދާޅުވި އެވެ.

ހަމައެއާއެކު، އޭސީސީއާ އިލެކްޝަންސް ކޮމިޝަނުގެ
މައްޗަށްޗެސް އެކިކަހަލަ ނުފޫޒު ފޯރުވޭގޮތަށް އޮންނަ އޮތުން ބަދަލު
ކުރަންޖެހޭކަމަށް ސުއޫދު ވިދާޅުވި އެވެ. ސުއޫދު ވަނީ މީގެ އިތުރުންވެސް ބަދަލު
ގެންނަން ޖެހިފައިވާ މުހިއްމު ގިނަ ކަންތައްތަކެއްގެ މައްޗަށް
އަލިއަޅުވާލައްވާފަ އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ކޮންޓްރޯލް ކުރުން، މަދު ކުރުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރައްޔިތުން ޤަބޫލު ކުރޭ، ދެން ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގަދަކަމުން އޮބަހައްޓައިގެން ނޫން ގޮތަކަށް ދިވެހިރާއްޖޭގެ ރައީސަކަށް ވެރިކަން ކުރުމަށް މިހާރު މިވަނީ އުނދަގޫވެފައި، މިއީ ޤާނޫނުއަސާސީއަށް އިސްލާޙު ގެންނަންޖެހޭ މުހިއްމު ކަންކަން.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު

ސުއޫދު އިތުރަށް ވިދާޅުވީ، އެ ހުރިހާ ކަމެއް ހުއްޓައި
އެޖެންޑާގެ އެންމެ ކުރިއަށް ދެ އިންތިޚާބު އެއްކޮށްލުން އައީ ކީއްވެ ތޯ ސުވާލު އުފެދޭ
ކަމަށެވެ. އަދި އެއީ ސަރުކާރުން ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭ
ކަމެއްކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.

މުހިއްމު ޤައުމީ މައްސަލަތައް ހުއްޓައި އެ މައްސަލަތައް އެއްފަރާތުގައި ބަހައްޓާފައި ކީއްވެ މިކަމަށް އެންމެ ފުރަތަމަ އިސްކަމެއް ދެވިގެން މި ދިޔައީ، މިއީ ހެޔޮ ނިޔަތުގައި ކުރާ ކަމެއްކަމަށްވަންޏާ ސަރުކާރުން ޖެހޭ އޮޅުން ފިލުވައިދޭން މިކަން، ދެން ހުރި ކަންކަން ކީއްވެގެންތޯ އެއްފަރާތް ކޮށްފައި މި ހުރީ، ނުވަތަ އެކަން ކުރާނެތޯ، އެޖެންޑާއަކީ ކޮބައިތޯ ކޮން ވަގުތެއްގައިތޯ ކުރާނީ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު

ސުއޫދު ވިދާޅުވީ، އެކަންކަން އޮޅުންފިލުވައި
ނުދެވޭނަމަ ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުނަން ދަތިވާނެ ކަމަށެވެ.

ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ
ހަމައެކަނި ފެށުމެއް ކަމަށާއި، އެ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެ ނަމަ، މިނިވަން
އަދި ދެފުށްފެންނަ އިތުރު އިންތިޚާބެއް ބާއްވާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް
ޤާނޫނީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.