ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގއ އާއި ލ އަތޮޅަށް ފުރާ ވަޑައިގެންފި އެވެ. 

ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރު އިބްރާހިމް ނާޒިލް އާއި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އަދި އެމްޑީޕީގެ ބައެއް އާންމު މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އެގޮތުން މިދަތުރުގައި ގއ އަތޮޅުގެ ރަށްތަކުގެ އިތުރުން ލ އަތޮޅު ރަށްތަކުގައިވެސް ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ ރޭ ލޯންޗުކުރުމަށް ފަހު އެމްޑީޕީން އަންނަނީ އަތޮޅުތެރޭގެ އެކި ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާ މިދަތުރުފުޅުގައި ޒިޔާރަތްކުރައްވާ ދެ އަތޮޅުގެ ވެސް ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތުގެ އިތުރުން ޖަގަހަ ހުޅުވުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން ކެންޑިޑޭޓުންނާއި ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވާނެ އެވެ.