ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑު ކުރީ މި ސަރުކާރުގައި ފައިސާ ނެތިގެން ކަމަށާއި އެކަން ކުރީ ފައިސާ ހޯދާނެ މަގެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ދިވެހިރާއްޖޭގައި ތަކެތީގެ އަގު މަހުން މަހަށް  ބޮޑުވަމުންދާ ކަމަށް ސަރުކާރުން ނެރޭ ތަފާސްހިސާބުތަކުން ހާމަވާ ކަމަށެވެ. 

ފިނޭންސް މިނިސްޓްރީ އިން އާންމު ކުރާ ތަފާސްހިސާބުތަކުގެ އިތުރުން އެމްއެމްއޭ އިން އާންމު ކުރާ ތަފާސްހިސާބުތަކަށް އަލިއަޅުއްވައިލައްވައި ޝަމްހީދު ވިދާޅުވީ ތަކެތީގެ އަގު އުފުލެމުން ދަނީ އިންތިހާ އަށް ކަންބޮޑުވާ މިންވަރަށް ކަމަށެވެ.

2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ދިވެހިރާއްޖޭގައި ތަކެތީގެ އަގު މަހުން މަހަށް މި އަންނަނީ ބޮޑުވަމުން. އަޅުގަނޑު އެންމެ ފަހުން ހިސާބު ބަލާލިއިރު ކޮންސިއުމަރ ޕްރައިސް އިންޑެކްސް މިވަނީ 4 ޕަސެންޓަށް އިތުރު ވެފަ. އަދި މަހުން މަހަށް އެބޭފުޅުން މި ނެރޭ އޮވަރޯލް އެސެންޝިއަލް ކޮމޯޑިޓީ ޕްރައިސް އިންޑެކްސް ވެސް މިދިޔަ މަހާ ބަލާއިރު މި މަހު އެބަހުރި 10 ޕަސެންޓަށް ބައެއް އައިޓަމްސް ބޮޑުވެފަ. 
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު 

މެންބަރު ވިދާޅުވީ މިގޮތަށް ކާބޯތަކެއްޗާ އެސެންޝިއަލް އައިޓަމްތަކުގެ އަގު ބޮޑުވާ ދުވަސްވަރެއްގައި ތެލުގެ އަގު ސަރުކާރުން ކުއްލިއަކަށް އަގު ބޮޑު ކޮށްފައިވާތީ ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން މިހާރު ހުރި ތެލުގެ އަގު ބޮޑުވީކީ ވެސް ނޫން ކަމަށާއި، ދުނިޔޭގެ ބާޒާރުގައި ވެސް އެވަރަށް ތެލުގެ އަގު އަދި ނުއުފުލޭ ކަމަށެވެ. 

އެހެންކަމުން ތެލުގެ އަގު ދުނިޔޭގެ ބާޒާރުގަ ވެސް ބޮޑު ނުވާ މިންވަރަށް ބޮޑު ކުރުމުން ފެނިގެން ދަނީ އަދި ހާމަވަނީ ސަރުކާރުން ފައިސާ ނެތް ކަން ކަމަށާ އެކަން ކުރަނީ ސަރުކާރަށް ފައިސާ ހޯދާނެ މަގެއްގެ ގޮތުގައި ކަމަށް ޝަމްހީދު ވިދާޅުވި އެވެ. 

އަގުހެޔޮ ތެލުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި، ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިތާ 24 ގަޑިއިރު ހަމަނުވަނީސް އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ވަނީ ބޮޑުކޮށްފަ އެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ރާއްޖޭގައި ވިއްކާ ޑީސަލާއި ޕެޓްރޯލުގެ އަގު ބޮޑު ކޮށްފައި ވަނީ އަގު ބޮޑު ކުރަން ޖެހޭ ހާލަތު ކުރިމަތިވެގެން ނޫން ކަމަށް އިދިކޮޅުން ވެސް ވަނީ ބުނެފަ އެވެ. އަދި މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވެސް ތެލުގެ އައު ޝިޕްމަންޓެއް މިހާރުވެސް ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށާއި، މުދާ އުފުލާ ރޫޓުތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވެފައިވާއިރު، އަގު ބޮޑު ކުރުން ބަލައި ނުގަނެވޭ ކަމަށް އާންމު ރައްޔިތުން ވެސް ދަނީ ބުނަމުންނެވެ.