އެމެރިކާ އާއި، އިސްރާއީލު އަދި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން މެދުއިރުމަތީގައި ތިބި ޖަޕާނުގެ ރައްޔިތުން ސަލާމަތްކުރުމަށް އެހީތެރިވުމުގެ ގޮތުން ޖަޕާނުގެ އެއަރ ސެލްފް ޑިފެންސް ފޯސް (އޭއެސްޑީއެފް) ގެ ޓްރާންސްޕޯޓް މަތިންދާބޯޓެއް އާދީއްތަ ދުވަހު ރާއްޖެއަށް ފުރައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން، މި ބޯޓު ރާއްޖޭގެ އެއަރޕޯޓެއްގައި ކުއްލި ހާލަތަކަށް ތައްޔާރުވެ އޮންނާނެއެވެ. އެގޮތުން، ޖަޕާނުގެ ރައްޔިތުން މެދުއިރުމަތިން ބޭލުމަށް ޖަޕާނު ސަރުކާރުން ހަމަޖައްސާފައިވާ ޗާޓަރު ފްލައިޓްތަކަށް ދިމާވެދާނެ ކުއްލި މައްސަލައެއްގައި މި ބޯޓުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އާދީއްތަ ދުވަހުގެ ފަތިހު 2:55 ހާއިރު، އައިޗީ ޕްރިފެކްޗަރގައި ހުންނަ އޭއެސްޑީއެފް ކޮމާކީ އެއަރ ބޭސް އިން ފުރާފައިވަނީ "ކޭސީ-767" މަރުކާގެ މަތިންދާބޯޓެކެވެ. ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ރާއްޖެއަކީ މެދުއިރުމައްޗަށާއި ޔޫރަޕަށް ދަތުރުކުރާ ޖަޕާނުގެ އަސްކަރީ ބޯޓުތަކަށް ތެޔޮ އެޅުމަށާއި އެހެނިހެން ބޭނުންތަކަށް މަޑުކުރާ މުހިންމު މަންޒިލެކެވެ.

ގާތްގަނޑަކަށް 200 މީހުންގެ ޖާގައިގެ މި ބޯޓުގައި 30 އެއްހާ ސިފައިން ހަރަކާތްތެރިވާނެއެވެ. މި އޮޕަރޭޝަން ކުރިއަށްދާނީ ޖަޕާނުގެ އަސްކަރިއްޔާގެ ޖޮއިންޓް އޮޕަރޭޝަންސް ކޮމާންޑުގެ އިސްވެރިޔާ ލެފްޓިނެންޓް ޖެނެރަލް ކެނިޗީރޯ ނަގުމޯގެ ބެލުމުގެ ދަށުންނެވެ.

މިދިޔަ ހުކުރު ދުވަހު ޖަޕާނުގެ ފޮރިން މިނިސްޓަރ ތޯޝިމިޓްސޫ މޮޓެގީ ވަނީ، ޤައުމުން ބޭރުގައި ތިބި ޖަޕާނުގެ ރައްޔިތުން ގެނައުމަށް ބޭނުންވާ ތައްޔާރީތައް ވުމަށް ޑިފެންސް މިނިސްޓަރ ޝިންޖީރޯ ކޮއިޒުމީގެ ކިބައިން އެދިވަޑައިގެންފައެވެ. އެއާއެކު ޑިފެންސް މިނިސްޓަރު ވަނީ މި އޮޕަރޭޝަނަށް ރަސްމީކޮށް އަމުރުކުރައްވާފައެވެ.