މެދުއިރުމަތީގައި މިހާރު ހިނގަމުން ދާ ހަނގުރާމަ އާ ގުޅޭ ތެދު މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ ކަމަށާއި ރައްޔިތުންނަށް އޮޅުވާލައި، ދޮގު ހަދައިގެން ރައްޔިތުން އޭގެ ތެރޭގައި ބޭތިއްބީމާ ދެން ނުކުންނާނެ ނަތީޖާ އާއި ކުރިމަތިވެދާނެ ދަތި އުނދަގޫ މާ ބޮޑުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

މާލެ ސިޓީގެ މެނިފެސްޓޯ ލޯންޗް ކުރުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ގައުމަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާ ވެފައި އޮތް ގައުމެއް ކަމަށެވެ. އެއީ ޓޫރިސްޓުން ކަމަށް ވިޔަސް ކާބޯތަކެތި ކަމަށް ވިޔަސް ނުވަތަ ތެޔޮ ކަމަށް ވިޔަސް މިއީ މުޅިން އިމްޕޯޓަށް ބަރޯސާ ވެފަ އޮތް ގައުމެއް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މިފަދަ ވަގުތެއްގައި އެންމެ މުހިއްމީ ތެދު މައުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދީ މިސް އިންފޮމޭޝަން ހުއްޓުވުން ކަމަށެވެ. އަދި އެކަން ކުރެވޭނީ ސަރުކާރަށް ކަމަށާއި އެކަމުގެ ހުރިހާ މައުލޫމާތެއް ވެސް އެނގޭނީ ސަރުކާރަށް ކަމަށެވެ. 

ދާދި ފަހުން އެ މަނިކުފާނުގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ، ތެލާ ބެހޭ ގޮތުން. ހާސްވާނެ ކަމެއް ނެތޭ. ތިމަންނަމެން އަތުގައި އެއް މަސް ދުވަހުގެ ސްޓޯރޭޖް މާލޭގައި ހުންނާނެ. މިހާރު ވެސް އޯޑަރުކޮށްފައޭވީ. މިއަދު ވެސް އެ އޮތީއޭ. މި ހަފުތާގައި ވެސް އަންނާނޭ. ދެން އަންނަ ހަފުތާގައި ވެސް އަންނާނޭ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމަނިކުފާނު ވިދާޅުވީ ކޮންމެ ދެ ހަފުތާއަކުން ރާއްޖެއަށް ތެޔޮ އުފުލާ ބޯޓެއް އަތުނުވެއްޖެ ނަމަ، އެސްޓީއޯގެ ސްޓޯރޭޖް 10 ދުވަހާއި 15 ދުވަހަށް ދަށްވެގެން ދާނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ރާއްޖެއަށް 1.1 ބިލިއަނާއި ދެ ބިލިއަން ލީޓަރާ ދެމެދުގެ ތެޔޮ ބޭނުންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާ  އުނދަގޫތައް ރައްޔިތުންނަށް މި ސަރުކާރުން ހާމަކޮށްދޭން ޖެހޭ ކަމަށެވެ. 

މިއަދު ތެޔޮ ފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި 92 ޑޮލަރާއި 95 ޑޮލަރާ ދެމެދުގައި ހުރި ނަމަވެސް އެ އަދަދު 150 އަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކޮވިޑް ގެ ހާލަތުގައި ވެސް ދިމާވީ އެފަދަ ކަމެއް ކަމަށާއި އެކަމަކު އޭރު އެކިއެކި ރޭވުންތަކުގެ ތެރެއިން އެ މައްސަލައަށް ހައްލެއް ހޯދާފައި ވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އެކަން ނުކުރާ ކަމަށެވެ.  

އަޅުގަނޑު އެދެނީ މި ހަނގުރާމަ ވީހާ ވެސް އަވަހަށް ހުއްޓުން. އެހެންނަމަވެސް އަދި އޭގެ ކުލަމައްޗެއް ނުފެނޭ. ޓޫރިސްޓުން އަދި އަތުވެދާނެ، އެހެންނަމަވެސް ޓިކެޓު އަގުބޮޑުވާނެ. ފްރައިޓް އަގުބޮޑުވާނެ. ނަތީޖާއަކަށް ވާނީ މުދާ ވެސް އަގު ބޮޑުވުން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެހެންކަމުން މި ކަންކަން ރައްޔިތުންނަށް ހާމަކޮށްދީ ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދިނުމަކީ ސަރުކާރުގެ ބޮލުގަ އެޅިފައިވާ ޒިންމާ އެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް ސޯލިހު ވިދާޅުވީ އޮޅުވާލައި، ދޮގު ހަދައިގެން ރައްޔިތުން އޭގެ ތެރޭގައި ބޭތިއްބީމާ ދެން ނުކުންނާނެ ނަތީޖާ އާއި ކުރިމަތިވެދާނެ ދަތި އުނދަގޫ މާ ބޮޑުވާނެ ކަމަށެވެ.