ވަކި ބާވަތެއްގެ ވިޔަފާރިއަކަށް ނިސްބަތްވާ
ވަޒީފާ ދޭ ފަރާތްތައް ދައްކަން ޖެހޭ ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ކުރުމުގެ ބާރު
ވަޒިރުންގެ މަޖިލީހަށް ލިބޭގޮތަށް މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ ވަޒީފާއާ
ބެހޭ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާޙުގެ ދަށުންނެވެ. އެ އިސްލާޙުގައި ބަޔާންކޮށްފައިވަނީ،
ވަކި ކަންކަމަކަށް ރިއާޔަތް ކުރުމަށްފަހު ބައެއް ވިޔަފާރިތަކުން ދައްކަންޖެހޭ
ކޯޓާފީ ދެއްކުމުން އިސްތިސްނާ ކުރެވިދާނެ ކަމަށެވެ.
އެހެންކަމުން ބިލު ޤާނޫނަކަށް ވެގެން އައުމުން
ރާއްޖެއަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯދާއިރު ކޮންމެ ބިދޭސީއަކަށް އަހަރަކު 2,000
ރުފިޔާގެ ފީ ދެއްކުމުން އެ ފަރާތްތައް އިސްތިސްނާ ކުރެވިދާނެއެވެ. އަދި އެ ބާރު
ލިބިގެންވަނީ ވަޒީރުންގެ މަޖިލީހަށެވެ.
މީގެ އިތުރުން، އެގޮތަށް ނިންމުމުގައި
ރިއާޔަތް ކުރަންޖެހޭ ހަތަރު ކަމެއް ބިލުގައި ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ އެންމެ ކުދި އަދި މެދު
ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކުރުމާއި، އެފަދަ ވިޔަފާރިތަކުގައި
ދިގު މުއްދަތުގެ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ އިތުރުން، ކުދި ވިޔަފާރިތަކާއި
ބޮޑެތި ވިޔަފާރިތަކާ ދެމެދު އޮތް ފަރަގު ކުޑަކުރުމާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން
އުފައްދައި އާ ވިސްނުންތަކާއި، އުފެއްދުންތެރިކަމާއި ޚިދުމަތްތައް ތައާރަފްކުރުމަށް ހިތްވަރު
ދިނުމެވެ.
ބިދޭސީއަކު ވަޒީފާ އަދާކުރަން
ދިވެހިރާއްޖެއަށް ގެންނަން ކުރިން ތިން ހުއްދައެއް ނެގުމަކީ އެ ބިދޭސީއަކު ގެންނަ
ފަރާތުގެ ޒިންމާއެކެވެ. އެއީ ބިދޭސީން ވަޒީފާ އަދާކުރާ ވަރކްސައިޓް
ރަޖިސްޓްރީކުރުމާއި، ބިދޭސީން ގެންނަން ބޭނުންވާ ކޯޓާ ހޯދުމާއި، ވަރކް ޕަރމިޓް
ހޯދުމެވެ.
ގަވާއިދާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު
އެޅުމުގެ އުސޫލާއި ޖޫރިމަނާ ކުރާނެ އަދަދުތައް މި ޤާނޫނުގެ ދަށުން ހެދިފައިވާ
ޤަވާއިދަށް މީގެ ކުރިން ގެނެސްފައިވާ އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން
ބިދޭސީއަކާ މެދު އިހުމާލުވެއްޖެ ނަމަ، އަދި ގަވާއިދާ ހިލާފު ވެއްޖެ ނަމަ 50،000ރ.
އަށް ވުރެ މަތީ އަދަދުތަކުން ޖޫރިމަނާކުރާނެ އެވެ.