ޚަރަދު ކުޑަ ކުރަން ބޭނުންވާނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައި ތިއްބެވި 400 އަށް ވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން 30 މީހުންގެ މަގާމު އުނިކުރިޔަސް 5 އަހަރުން 60 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ. 

 "ދެ އިންތިޚާބު އެއްކުރަން ނުފެނޭ" ނަމުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް މުއިއްޒު އެ ނަންނަގަވަން އުޅުއްވާ ފެންނަ ނުފެންނަ ވޯޓުގައި ހުރީ ހުސް ކަންބޮޑުވުން ކަމަށެވެ. އަދި އެކަމަކީ ސީދާ ރައްޔިތުންނާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ. 

ހަސަން ލަތީފް ވިދާޅުވީ ދެ އިންތިޚާބު އެއްކުރަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ދާއިރު އެހެން ވިދާޅުވަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ. ނަމަވެސް ކުރައްވަން އެ އުޅުއްވާ ކަމަކީ ނުވަތަ އެ ނަންގަވަން އުޅުއްވާ ވޯޓުގެ ނަތީޖާ އަކީ އެހާ އާދައިގެ ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫން ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

އެކަމަކީ ވަރަށް ނުރައްކާތެރި، ވަރަށް ހީލަތްތެރި ގޮތަކަށް ކުރައްވަން ވިސްނަވައިގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށާއި މި ވޯޓާ ގުޅިގެން ކަންކަން ކުރައްވާފައި ވަނީ އެގޮތަށް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އެއީ މައުލޫމާތު ނުދިނުން ކަމަށާ ރައްޔިތުންނަށް މައުލޫމާތު ނުދެނީ ގަސްތުގައި ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ޚަރަދު ކުޑަ ކުރަން ބޭނުންނަމަ އެކަން ކުރެވޭނެ ބައިވަރު ގޮތްތަކެއް އެބަހުރި ކަމަށެވެ. 

ޚަރަދު ކުޑަކުރާ ވާހަކަ ދައްކަވާ ކަމަށް ވަންޏާ ސަރުކާރުގަ އެބަ ތިއްބެވި 400 އަށް ވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުން. ހަމައެކަނި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ވަޒީފާގައި އެބަ ތިއްބެވި 400 އަށް ވުރެ ގިނަ މީހުން. އޭގެ ތެރެއިން 30 މީހުންގެ މަގާމު އުނިކޮށްލިޔަސް އިލެކްޝަންސް ކޮމިޝަނުން އެ ވިދާޅުވާ 60 މިލިއަން ރުފިޔާ 5 އަހަރު ދުވަހުގެ ތެރޭގައި ސަލާމަތް ކުރެވޭނެ. 
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފް

އޭގެ އިތުރުން ކޮންމެ އަހަރަކު އީދުގައި މަގުތަކުގައި ދަމާ ބޮކިފަތިތައް ދެމުން ހުއްޓާލިއަސް 50 މިލިއަން ސަލާމަތް ކުރެވޭނެ ކަމަށާ ބައެއް ރަށްރަށުގަ އެ ދަމާ ބޮކީގެ އަދަދު މަދު ކޮށްލިއަސް އެކަން ކުރެވޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.  

ހަސަން ލަތީފް ތަކުރާރު ކޮށް ވިދާޅުވީ ޚަރަދު ކުޑަކުރަން ބޭނުން ނަމަ އެކަން ކުރެވޭނެ ބައިވަރު ގޮތްތައް އެބަހުރި ކަމަށެވެ. 

 އިންތިޚާބެއް ކުރިމަތީގައި އޮތް ނަމަ ދެ އިންތިޚާބު އެއްކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އެ ދެ ވޯޓު ވަކިން ނަގާ ނަމަ 60 އާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ލަފާކުރާ ކަމަށެވެ.