މާލެސިޓީގައި ހުރި މައްސަލަތަކަށްވުރެ މާލެ ސިޓީއަށް
ޕީއެންސީން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މައްސަލަތައް ގިނަކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ)
ވިދާޅުވެއްޖެއެވެ.

މެމްބަރު ޣަފޫރު އެފަދައިން ވިދާޅުވީ އާދިއްތަ
ދުވަހުގެރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މެމްބަރު ވިދާޅުވީ، ހުޅުމާލޭ ބިން ހިއްކަނީ މާލޭގެ
ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށްކަމަށް މީގެ އެތައް އަހަރެއް ކުރިން ކުރީގެ
ރައީސް މައުމޫނު އަބްދުލް ޤައްޔޫމު ވިދާޅުވެފައިވާ ކަމަށާއި، ނަމަވެސް އޭގެ ފަހުން
އައި ވެރިކަންތަކުގައި މާލޭގެ ރައްޔިތުންނަށް ހިލޭ ބޯހިޔާވަހިކަމެއް ދޭން ކެރުނީ
ހަމައެކަނި ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް ކަމަށެވެ.

ނެތް ބޯހިޔާވަހިކަމެއް ދީފައެއް، އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންނޭ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން އައިސް މި ތިބީ، އެކަން އަޅުގަނޑުމެން ކުރާނީ،
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ

ޣަފޫރު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓުން
ތަފާތު ކަމަށާއި، އެމްޑީޕީގެ ކެންޑިޑޭޓުންނަކީ އިޚްލާސްތެރިކަމާއެކު ޚިދުމަތް
ކޮށްދޭނެ ބައެއް ކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ކޮށްދެވޭނީވެސް އެފަދަ
ބަޔަކަށްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މާލެސިޓީގައި ހުރި
މައްސަލަތަކަށްވުރެ މާލެ ސިޓީއަށް ޕީއެންސީން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ
މައްސަލަތައް ގިނަކަމަށެވެ.

ތިޔަ ބޭފުޅުންނަށް ފެންނާނެ މާލެ ސިޓީގައި ހުރި ހާ މައްސަލަތައް، އެއަށްވުރެ ގިނަ މައްސަލަ އެބޭފުޅުންގެ ކެންޑިޑޭޓުންގެ އެބަހުރި، ދެން ކިހިނެއްތޯ މިބޭފުޅުންނަށް މާލޭގެ މައްސަލަތައް ޙައްލުކޮށްދެވޭނީ.
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ

ޣަފޫރު ވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ
ނަމުގައި އައި ސަރުކާރުން ގެންދަނީ ރައްޔިތުންގެ އަތުން ފޭރެމުންކަމަށްވެސް
ތުހުމަތު ކުރައްވާފައެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ އަލިއަޅުވާލެއްވީ ތެލުގެ
އަގު ބޮޑުވެގެން ދިޔަ ގޮތުގެ މައްޗަށެވެ.

މީގެ އިތުރުން، މި ސަރުކާރުން ރައްޔިތުންނަށް
ތެދުވެރިކަމާއެކު ޚިދުމަތް ކުރުމުގެ ނިޔަތެއް ނެތްކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ.
އަދި ވިދާޅުވީ، މިއީ ވައުދު ފުއްދާނެ ސަރުކާރެއް ނޫން ކަމަށާއި، މުޅިންވެސް
ފެންނަމުންދަނީ ރައްޔިތުންނަށް އޮޅުވާލަމުންދާ މަންޒަރު ކަމަށެވެ.

ޣަފޫރު ވަނީ އެމްޑީޕީން ރައްޔިތުންގެ ޙައްޤުގައި
އަބަދުވެސް ވަކާލާތު ކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.