ސާފުތާހިރުކަން ކުޑަވުމުގެ ވުމުގެ ސަބަބުން ތެލުލި ފަތާއި، ކޮށި މަހާއި ކުޅި ކާޖާ އަދި ރިހާކުރާއި އަދި މިނޫންވެސް ތަކެތި އުފައްދައި ވިއްކަމުން އަންނަ ތަނެއް ކަމަށްވާ ''ބިލްތްމާ ޓޭސްޓީ'' ގެ މަސައްކަތް ހުއްޓާލަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފި އެވެ.

އެމްއެފްޑީއޭ އިން ބުނީ، އެ އޮތޯރިޓީއަށް ލިބުނު ޝަކުވާއަކާއި ގުޅިގެން، ތެލުލި ފަތް، ކޮށި މަސް، ކުޅި ކާޖާ، ރިހާކުރު، އަދި މިނޫންވެސް މިފަދަ ބާވަތްތައް ބަންދުކުރި ކާބޯތަކެތި އުފައްދާ މާކެޓު ކުރަމުންް އަންނަ ބިލެތްމާ ޓޭސްޓީ ބަލާފާސްކުރިއިރު އެތަނަކީ އާއްމު ސާފުތާހިރުކަން ދަށް އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެހެންކަމުން އެތަނުގައި ކުރަމުން އައި މަސައްކަތް ވަގުތުން ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ. 

މީގެ އިތުރުން އެމްއެފްޑީއޭ އިން ބުނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނުނު ގެ ދަށުން އެ އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ލާޒިމްވި ކަމުގައި ވީ ނަމަވެސް މިތަނަކީ ރަޖިސްޓްރީ ކޮށްފައިވާ ތަނެއް ނޫން ކަމަށެވެ. 

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ނަމުގައި އުފައްދާ އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބޭނުން ނުކުރުމަށް އަދި ނުވިއްކުމަށް ވެސް އެ އޮތޯރިޓީން ވަނީ އަންގާފަ އެވެ.  

މީގެ ކުރިން ވެސް ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ކާބޯތަކެތި ބަންދުކުރާ ބައެއް ތަންތަން ބަލައި ފާސްކޮށް ފިޔަވަޅު އަޅާފައިވެ އެވެ. މިފަދަ ތަންތަން ގަވާއިދާ ހިލާފަށް ގިނައިން ހިންގަމުންދަނީ ވެސް ބިދޭސީންކަން ފާހަގަކުރެވެ އެވެ.