ސަރުކާރުން ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަތަކުގެ ހަގީގަތް މާލޭގެ މޭޔަރ އަދި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރ ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ސާފުކޮށްދެއްވައިފި އެވެ.

އާޒިމް އެފަދައިން ވިދާޅުވީ އެމްޑީޕީގެ މާލޭ ސިޓީ މެނިފެސްޓޯ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ  

ސިނަމާލެ، އަދި މާލޭ ހިޔާގައި ދިރިއުޅޭ ފަރާތްތައް އައު އިމާރާތަކަށް ބަދަލުކުރުމަކީ ރިޔާސީ ވައުދެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެތަންތަން މަރާމާތުކުރަން އެހީދޭން ޖެހުނީ މާލެސިޓީ ކައުންސިލުން މިދިޔަ ދެއަހަރު އެކަން ނުކުރީމަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެ ވާހަކަ ދައްކަވާފައި ވަނީ ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކަމަށެވެ. އެތަން ޒަމާނީ ފެންވަރަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން، ކޮންޓްރެކްޓްތަކެއް ހެދިފައި ހުރި ނަމަވެސް އެ ކަން ކުރެވިފައި ވަނީ ޑިއުޑެލިޖެންސް ފުރިހަމަ ނުކޮށް ކަމަށް އާޒިމް ވިދާޅުވި އެވެ. އެތައް ބިލިއަން ރުފިޔާގެ ކޮންޓްރެކްޓަކަށް ވަންނަ އިރު 5 މިލިއަން ރުފިޔާގެ ގެރެންޓީ އެއް ނުދެވުމަކީ ކޮންޓްރެކްޓަރގެ ފެންވަރާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ.

ނަމަވެސް މިއަދާއި ހަމައަށް ވެސް އެ ކޮންޓްރެކްޓަރ މަސައްކަތްތައް ކޮށްފައި ނުވާ ކަަމަށާއި މާލެ ސިޓީ ކައުންސިލަށް އެމްޑީޕީ ހޮވިއްޖެ ނަމަ އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. 

"އެއްލައްކަ ރުފިޔާގެ ވާހަކަ.  އެ ރުފިޔާ މިއީ މާލެ ސިޓީ ކައުންސިލަށް ލިބެންވީ ފައިސާ. އޭގެތެރެއިން ކެނޑެންޖެހޭ އެއްޗެއް. މިއީ ރައީސް ދެއްވާ އެއްޗެއް ނޫން." އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން، އެމްޑީޕީގެ މާލޭ ސިޓީގެ މެނިފެސްޓޯގެ ބައެއް ކަންކަމަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލެ ސިޓީ އާއި ހަވާލުވެ ފުރަތަމަ އިންނަވަން ޖެހިވަަޑައިގަތީ ވެސް ކުޑަ ތަންކޮޅެއްގައި ކަމަށެވެ. ނަމަވެސް މަސައްކަތްތައް ކޮށް އާއްމުންނަށް ޚިދުމަތްތައް ފޯރުކޮށްދޭން މަސައްކަތްކުރައްވާފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ކުއްޔަށް ހިފާފައި ހުރި ތަންތަން ދޫކޮށްލުމަށް ފަހު ކައުންސިލްގެ އަމިއްލަ އިމާރާތަކަށް މަސައްކަތް ބަދަލުކުރުމަށް އިސްކަން ދެއްވާފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. މާލެ އަށް އަޅާލާން ޖެހޭ މިންވަރަށް މިހާތަނަށް އައި އިރު އަޅާލެވިފައި ނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ ރައްޔިތުންގެ ބާރު ރައްޔިތުންނާއި ހަމައިގައި ބަހައްޓާނެ ކަަމަށެވެ.