ކަނޑުމަގުން ރާއްޖެއަށް 6 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. ތަރިޖެހިއާގެ / މާލެ، އިސްމާއީލް އަބާން ޢަބްދުﷲ (25އ) އާއި ސ. މަރަދޫ / ރަތްމާގެ، އަޙްމަދު ދާން ފަރްހޫދު (19އ) އެވެ.

މި ދެމީހުން ހައްޔަރުކޮށްފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 5 ވަނަ ދުވަހު އެވެ. މި ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.