ހދ. މަކުނުދޫގައި އެއަރޕޯޓު އެޅުމަށްޓަކައި ހިއްކާފައިވާ ސަރަހައްދުގެ ހިމާޔަތަށް އެއްވެސް މަސައްކަތެއް ނުކުރެވި، އެ ސަރަހައްދުން ކަނޑަށް ވެލިގަނޑު ފައިބަމުންދާ ކަމަށް ވިދާޅުވެ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ, (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަކުނުދޫގައި ހުންނަވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މަކުނުދޫ އެއަރޕޯޓަކީ އެމްޑީޕީގެ ތަޞައްވުރެއް ކަމަށާއި، އެމްޑީޕީގެ ސަރުކާރުން ރިޔާސީ އިންތިޚާބުގައި ވީ ވަޢުދާ އެއްގޮތަށް ބިން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެ ސަރަހައްދުގައި ހިނގަމުންދާ ހަމައެކަނި ކަމަކީ، ހިއްކާފައިވާ ވެލިގަނޑު ކަނޑަށް ދެމެމުންދާތަން ބަލަން ތިބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޕީއެންސީ. އަށް މަޖިލިސް އަޣުލަބިއްޔަތު ލިބިއްޖެނަމަ، މިއަހަރުގެ ޑިސެމްބަރު މަހު މަކުނުދޫ އެއަރޕޯޓަށް މަތިންދާބޯޓު ޖައްސާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި މީގެ ހަ މަސް ކުރިން އެ ރަށަށް ވަޑައިގެން އެއަރޕޯޓް އިތުރަށް ބޮޑުކުރައްވާނެ ކަމަށާއި، ދެން އެ ރަށަށް ވަޑައިގަންނަވާނީ މަތިން ކަމަށްވެސް ރައީސް ވިދާޅުވި ކަމަށް ޝާހިދު ހަނދާންކޮށްދެއްވިއެވެ.

އަޅުގަނޑުމެން އެޅި ފަސްކޮޅު ފިޔަވައި ކުރި އެއްވެސް ކަމެއްނެތް. ތަކުރާރުކޮށް ވަޢުދުވެ ވަޑައިގަންނަވާ، އެކަމަކު އެއްވެސް ވަޢުދެއް ނުފުއްދަވާ.
އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވިއެވެ.

މުޅި އެއަރޕޯޓް ސަރަހައްދު ބޭކާރުވެ، ހާވިޔާވެފައިވާ ކަމަށް ސިފަކުރައްވަމުން ޝާހިދު ވަނީ އެމްޑީޕީއަށް ވޯޓު ދިނުމަށް އިލްތިމާސްކުރައްވާފައެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ތަރައްޤީއަށާއި، ޢަދުލު އިންސާފަށާއި، ހެޔޮ ވެރިކަމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.