ދަރިންނަށް 2 އަހަރު ފުރެންދެން އަންހެން މުވައްޒަފުންނަށް ކޮންމެ ދުވަހަކު ދެ ފަހަރު ހުސް ވަގުތު ދޭންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި މި ބިލު ފާސް ކޮށްފައިވަނީ 62 މެންބަރުންގެ އިއްތިފާގުންނެވެ.

މެންބަރު ޝަމީޒް ހުށަހެޅުއްވި މި ބިލުގައި ބުނީ އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށް ފަހު ވަޒީފާއަށް ނިކުންނަ ދުވަހުން ފެށިގެން ކުއްޖާއަށް ދެ އަހަރު ވަންދެން 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ދުވާލަކު ދެ ފަހަރު ދިނުމަށެވެ. ބިލުގައި ބުނެފައިވަނީ މި ހުސް ވަގުތުކޮޅު މުވައްޒަފުންނަށް ދޭނީ މުސާރައިން ނުކެނޑޭ ގޮތަށް ކުއްޖާގެ ކަންކަން ކޮށްދިނުމަށް ދޭ ވަގުތުކޮޅެއްގެ ގޮތުގައި ކަމަށެވެ. 

ވޯޓުގެ ވަގުތުގައި އިދިކޮޅު އެމްޑީޕީ އިން ވަނީ އެ ބިލަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. އެގޮތުން  ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު ވަނީ އޭނާ މުވައްޒަފުންނަށް ދޭ 30 މިނެޓުގެ ބަދަލުގައި އެ ވަގުތު 45 މިނެޓަށް ދިގު ކުރުމަށް ހުށަހަޅާފަ އެވެ.  ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ނިންމައިފަ އެވެ.

އެ ގޮތަށް އިސްލާހުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ. ފާސް ކުރަން ނުފެންނަ ކަމަށް 49 މެންބަރުން ވޯޓު ދެއްވި އެވެ.

ގާނޫނުގައި މިހާރު ބުނަނީ ދަރިފުޅުގެ އުމުރުން 1 އަހަރު ވަންދެން މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓުގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭން ޖެހޭނެ ކަމަށެވެ. އާދިއްތަ ދުވަހު ފާސް ކުރި ބިލުގައި ވާގޮތުން ދަރިފުޅަށް ދެ އަހަރު ފުރެންދެން އެ ހުސް ވަގުތު މުވައްޒަފުންނަށް ލިބޭނެ އެވެ. 

މި ބިލުގައިވާ އިތުރު ކަންކަމުގެ ތެރޭގައި މުވައްޒަފުން ވަކި ކުރަން ނޯޓިސް ދިނުމާއި އިތުރު ގަޑީގެ ފައިސާ އަށް ވެސް ބަދަލު ގެނައުމަށް ހިމަނާފައި ވެ އެވެ. ބިލުގައި ބުނީ 1 އަހަރަށް ވުރެ ދިގު ނޫން މުއްދަތެއްގައި ވަޒީފާގެ އެއްބަސްވުމެއް ހަދާފައިވާނަމަ އެ މުވައްޒަފު ވަކިކުރާ ނަމަ އެ މުވައްޒަފަކަށް ދެ ހަފުތާގެ ނޯޓިސް ދޭން ޖެހޭނެ ކަމަށެވެ.