ރައީސް ޑރ. މުހައްމަދު މުއިއްޒު އާ އެމަނިކުފާނުގެ ސަރުކާރުން ދެ އިންތިޚާބު އެއްކުރަން އުޅެނީ ރައްޔިތުން އަޅުވެތިކޮށް ނިކަމެތި ކުރަން ކަމަށާ ރައްޔިތުންނަށް ލިބިފައިވާ މި ބާރު ދޫކޮށްލައިފި ނަމަ އެ ބާރު އަލުން އަނބުރާ ހޯދަން ބޮޑު އަގެއް ދައްކަން ޖެހޭނެކަން ވިސްނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ. 

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ރާވަމުންދާ ރޭވުމަކީ ވަރަށް މަކަރުވެރި ރޭވުމެެއް ކަމަށެވެ. އަދި މިކަމަކީ ވަރަށް މަކަރުވެރި ސިޔާސަތެއްގެ ތެރެއިން ރައްޔިތުން އަޅުވެތިކޮށް ނިކަމެތިކުރުމަށް މި ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށެވެ. 

މެންބަރު ވިދާޅުވީ މިއީ އޭގެ ސަބަބުން ރަށުގެ ތަރައްގީ އަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ.

ދެ އިންތިޚާބު ވަކިވަކިން ބާއްވާން ދާ ޚަރަދު ސަލާމަތް ކުރެވޭނެ އެތަކެއް ގޮތްތަކެއް ހުރި ނަމަވެސް އެކަން ނުކުރައްވައި ޚަރަދު ކުޑަ ކުރަން ކަމަށް ބުނެ ދެ އިންތިޚާބު އެއްކޮއްލުމަށް ރައީސް މުއިއްޒު އިސްވެ ހުރެ ސަރުކާރުގެ ހުރިހާ ވެރިން ރެއާ ދުވާލު އެއްރަށުން އަނެއް ރަށުން މަރުފަލި ޖަހަމުން އެ ގެންދަވަނީ މިކަމުގެ ފަހަތުގައި އޮތް މަކަރުވެރިކަން ބޮޑުވުމުން ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. 

މެންބަރު ވިދާޅުވީ ރައްޔިތުން އަތުގައި އޮތް އެއްޗެއް ވިސްނާ ނުލައި ދޫކޮށްލައިފި ނަމަ އަލުން އެ އަނބުރާ ހޯދުމަށް ބޮޑު އަގެއް ދައްކަން ޖެހޭނެކަން ރައްޔިތުން މިއަދު ވިސްނަން ޖެހޭ ކަމަށެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވައިފި ނަމަ އެކަމުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް ކަމަށް ބުނެ އިދިކޮޅުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ކަމާ ގުޅޭ އެކި ދާއިރާތަކުގެ މީހުންނާ އާންމުން ވެސް ދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.