މި ސަރުކާރުން ދެ އިންތިޚާބު އެއް ކުރަނީ އެއް ކެމްޕެއިނަކަށް ޚަރަދު ކޮށްގެން އެއް ފަހަރާ ދެ ބާރު ނަގަން ފަސޭހަ ކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

 "ދެ އިންތިޚާބު އެއްކުރަން ނުފެނޭ" ނަމުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ މިއަދުގެ ސަރުކާރުން ޚަރަދު ކުޑަކުރަންށޭ ބުނެ ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ކުރާ މަލާމާތެއް ކަމަށެވެ. މިއަދުގެ ސަރުކާރުން ޑިމޮކްރަސީ ހަރުދަނާ ކުރަނީއޭ ބުނުމަކީ ވެސް ހިނި އަންނަ ޒާތުގެ ވާހަކައެއް ކަމަށް އިވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ސަރުކާރުން ޚަރަދު ކުޑަކުރަން ބޭނުން ކަމަށް ވާނަމަ ޚަރަދު ކުޑަކުރެވޭނެ އެތައް ދިމާލެއް ކޮންމެ މީހަކަށްވެސް ކިޔައި ދެވިދާނެ ކަމަށެވެ. އެއްވެސް ބެލުމެއް ނެތި ދެމުންދާ ވަޒީފާތަކާ އެމްބަސީތަކުގެ ވަޒީފާތަކާ ގިރިޓީ މަޝްރޫއުތަކާ ނަމެއްގައި ހަވާލުކުރާ ކޮންޓްރެކްޓްތައް ވެސް ލިސްޓު ކުރެވިދާނެ ކަމަށް އީވާ ވިދާޅުވި އެވެ.  

ޚަރަދު ކުޑަ ކުރަން ފަށަން ޖެހޭނީ އިންތިޚާބަކުން ނޫން ކަމަށާއި އިންތިޚާބަކީ ޑިމޮކްރަސީ އެއްގެ އެންމެ މުހިއްމު އެއް އަސާސް ކަމަށް އީވާ ވިދާޅުވި އެވެ. އީވާ ވިދާޅުވީ އެއީ ރައްޔިތުންގެ އަތް މަތީގަ އޮންނަ ބާރެއް ކަމަށެވެ. އެހެންކަމުން ފުރަތަމަ ޚަރަދުކުޑަ ކުރާނީ އެ ބާރަކުން ނޫން ކަމަށް ވެސް އިވާ ވިދާޅުވި އެވެ.

އެހެންކަމުން މިއީ ޑިމޮކްރަސީ ހަރުދަނާ ކުރަން ކުރާ ކަމެކޭ ބުނުމަކީ އެއީ ޑިމޮކްރަސީ އަށް ވެސް ކުރާ މަލާމާތެއް ކަމަށް އީވާ ވިދާޅުވި އެވެ. އީވާ ވިދާޅުވީ ދައުލަތުގެ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ކުރަން އުޅޭ ކަމަކީ ސަރުކާރު ހިންގާ ޕާޓީ އަށާ ރައީސްގެ ޕާޓީ އަށް ކެމްޕެއިން ކުރަން ޚަރަދު ކުޑަކުރުން ކަމަށެވެ.

އެ ކުރަން އެއުޅޭ ކަމަކީ އެއްފަހަރާ އެއްބުރުން، އެއްފަހަރާ ދެ ބާރު، އެއް ކެމްޕެއިނަކަށް ޚަރަދު ކޮށްގެން ނަގަން ފަސޭހަ ކުރަނީ. ދެ އިންތިޚާބަށް ކުރަން ޖެހޭ ޚަރަދު ރައީސްގެ އިންތިޚާބާ ރިޔާސީ އިންތިޚާބާ މަޖިލިސް އިންތިޚާބަށް ކުރަން ޖެހޭ ޚަރަދު އެއީ އެއް ކެމްޕެއިނަކަށް ހަދާފައި، ނާޖާއިޒް ހުރިހާ ވަސީލަތެއް، އެއީ ވޯޓަށް ޓަކައި އަޅާ ފައިސާ ކަމަށް ވިޔަސް، ވޯޓަށް ޓަކައި އެ ދޭ ވަޒީފާތައް ކަމަށް ވިޔަސް، ދޭ ކޮންޓްރެކްޓް ކަމަށް ވިޔަސް، ނާޖާއިޒް ހުރިހާ ވަސީލަތެއް އެއް ކެމްޕެއިން އަކަށް އަޅާފަ ދެ ބާރު އެއްކުރުން، ސަރުކާރު ހިންގާ ޕާޓީ އަށް ނަގަން އެ ފަސޭހަ ކުރަނީ. 
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ

އީވާ ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ އަށް ޚަރަދު ކުޑަ ކުރުމަކީ ދައުލަތް ހިންގުމުގެ ޚަރަދު ކުޑަކުރުން ނޫން ކަމަށެވެ. ސަރުކާރުން ކުރަން ވެސް އުޅޭހާ ކަމަކީ އެއް ކެމްޕެއިނަށް ޚަރަދު ކޮށްގެން ދެ ބާރު ނަގަން ފަސޭހަ ކުރުން ކަމަށް އީވާ ތަކުރާރު ކޮށް ވިދާޅުވި އެވެ. 

އީވާ ވިދާޅުވީ އެހެންކަމުން ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓަކީ މުހިއްމު ވޯޓެއް ކަމަށާ އެ ވޯޓުގައި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން ކުރަން މި އުޅޭ ކަމަށް ސާފު ކޮށް ނޫނެކޭ ބުނުން މުހިއްމު ކަމަށެވެ.