ހަ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު ފުލުހުން އާއްމު ކޮށްފި އެވެ. 

އާދިއްތަ ދުވަހު ފުލުހުން ބުނީ، ހަ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ / ހިތިލާގެ، ޢަލީ ޢިރުފާނު (28އ) އާއި ދަނޫޝްކާނދަން ގޯޕާލް، އިންޑިއާ (19އ) އާއި ކަތިރިވިލް މަނިމަރަން، އިންޑިއާ (21އ) އެވެ.

މި ތިން މީހުންނަކީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ތިން މީހުންނެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި މާރިޗު މަހުގެ 3 ވަނަ ދުވަހު އެވެ.

މީގެ އިތުރުން މި މައްސަލައާ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢިރުފާނު ޝަރީއަތް ނިމެންދެން އަދި އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.