ރާއްޖެއިން ބޭރުގައި ގާއިމް ކޮށްފައިވާ އެމްބަސީތަކަށް މަހަކު 54 މިލިއަން ރުފިޔާ ޚަރަދު ކުރާ ކަމަށާއި ނަމަވެސް ކުރާ ޚަރަދާ އެއްވަރަށް ބޭރު ގައުމުތަކުން ރާއްޖެއަށް އެހީ ނުލިބެނީ އެތަންތަނަށް އައްޔަނު ކުރައްވާފައި ތިއްބަވާ ބޭފުޅުން މަސައްކަތް ނުކުރައްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޒިޔާދު ވިދާޅުވީ އިންތިޚާބު އެއްކޮށްލަން އުޅެނީ ޚަރަދު ކުޑަކުރަން ކަމަށް މި ސަރުކާރުން ބުނާއިރު ބޭރުގަ ހުރި އެމްބަސީތަކަށް މަހަކު 54 މިލިއަން ރުފިޔާ ޚަރަދު ކުރާ ކަމަށެވެ. ނަމަވެސް މިކަމުން ނުކުންނަ ނަތީޖާ އަކީ ކޮބައިތޯ ޒިޔާދު ސުވާލު އުފެއްދެވި އެވެ.

ޒިޔާދު ވިދާޅުވީ ގާބިލު މީހުން އައްޔަނު ކުރިއަސް ނަތީޖާ އެއް ނުފެންނަ ކަމަށެވެ. އެގޮތުން 2025 ވަނަ އަހަރު ބޭރުގެ އެހީ އާއި އާމްދަނީ ގެ ގޮތުގައި 202 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ހިމެނި ނަމަވެސް އަހަރު ނިމުނު އިރު ލިބުނީ 50 މިލިއަން ރުފިޔާ ކަމަށެވެ. 

ސަބަބަކީ މި އެމްބަސީތަކުގައި ތިއްބަވާ ބޭފުޅުން ހަގީގަތުގައި ވެސް މަސައްކަތެއް ނުކުރާތީ ކަމަށާއި، ކުރާ ޚަރަދާ ގާތަށް ވެސް އެ ބޭފުޅުން މަސައްކަތް ނުކުރައްވާ ކަމަށެވެ. 

މިބޭފުޅުން ކުރަން ޖެހޭ މަސައްކަތަކީ އަޅުގަނޑަށް ވެސް އެނގޭ ސަލާމް ޖެހުން ނޫން ކަން. އެހެން ނަމަވެސް ގާތް ގުޅުމެއް އުފައްދަން. ގާތް ގުޅުމެއް ނެތީމަ އެހީތެރިކަން ނުލިބެނީ. ގާތްވީމަ އެހީތެރިކަން ލިބެނީ. އަޅުވެތިވެގެން ބާރުގަދަ ވެގެން ލިބޭ އެއްޗެއް ނޫން އެހީތެރިކަމަކީ. އެހެންވީމަ މި އެމްބަސީތަކަށް އަޅުގަނޑުމެން 54 މިލިއަން ރުފިޔާ މަހަކު. މި ދަންނަވަނީ މި ކުރާ ޚަރަދާ އެއްވަރަށް އަޅުގަނޑުމެންނަކަށް އެއްޗެއް ނުލިބެއޭ.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

މެންބަރު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެންމެ ގިނައިން ކުރި މަސައްކަތަކީ ސަފީރުން އައްޔަނު ކުރުމުގެ މަސައްކަތް ކަމަށެވެ. އެހެންކަމަށް ވާއިރު މަހަކު 54 މިލިއަން ރުފިޔާ އެބޭފުޅުންނަށް ޚަރަދު ކޮށްގެން ރައްޔިތުންނަށް ލިބެނީ ކޯޗެއްތޯ ޒިޔާދު ތަކުރާރު ކޮށް ސުވާލު ކުރެއްވި އެވެ. 

ޒިޔާދު ވިދާޅުވީ އެހެންކަމުން ޚަރަދު ކުޑަކުރަން ވީ ދިމާލަކީ މިއީ ކަމަށެވެ. މިކަމުން ޚަރަދު ކުޑަ ކޮށްފި ނަމަ މަހަކު 50 މިލިއަން ލިބޭނެ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ. ޒިޔާދު ވަނީ އެހެންކަމުން އިންތިޚާބުތަކުގައި ރައްޔިތުންގެ ގާތަށް ދާން ލިބޭ ފުރުސަތު ގެއްލުވާ ނުލުމަށް ވެސް ސަރުކާރަށް ގޮވާލައްވާފަ އެވެ.